29 Sep 2016, 11:34
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސެލްޓިކްއާ ދެކޮޅަށް ކުޅުނު މެޗު ޕޮއިންޓަކުން މެންޗެސްޓާ ސިޓީ ފުއްދާލަން ޖެހިއްޖެ އެވެ.
ޗެމްޕިއަންސް ލީގުގެ 'ގްރޫޕް ސީ'ގައި ރޭ ސިޓީ އާއި ސެލްޓިކް ކުޅުނު މެޗު ނިމިގެންދިޔައީ 3-3 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.
މި ސީޒަނުގައު ސިޓީގެ ކޯޗު ކަމާ ޕެޕް ގާޑިއޯލާ ހަވާލުވި ފަހުން އެ ޓީމު އައީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވަމުންނެވެ. ރޭގެ މެޗުން އެއްވަރު ވުމާއެކު ސިޓީ މޮޅުވަމުން އައި ސިލްސިލާ އަށް މި ވަނީ ނިމުމެއް އައިސްފަ އެވެ.
ސެލްޓިކްގެ ދަނޑުގައި ކުޅުނު އެ މެޗު ފެށިގެން ތިން ވަނަ މިނެޓްގައި އެޓީމުގެ ޑެމްބެލޭގެ ގޯލުން ސެލްޓިކް ވަނީ ލީޑު ނަގައިފަ އެވެ. ނަމަވެސް މެޗުގެ 12 ވަނަ މިނެޓްގައި ފެނާންޑީނިއޯ ވަނީ ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ސެލްޓިކަށް ދެ ވަނަ ފަހަރަށް ލީޑު ލިބުނީ 20 ވަނަ މިނެޓްގައި ސިޓީގެ ރަހީމް ސްޓާލިން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

ޗެމްޕިއަންސް ލީގްގައި ސެލްޓިކް އާއި ސިޓީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ޔުއެފާ
ދެވަނަ ހާފް ނިމުމުގެ ކުރިން ސިޓީން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އެ ގޯލު މެޗުގެ 28 ވަނަ މިނެޓްގައި ސިޓީ އަށް ކާމިޔާބުކޮށްދިނީ ސްޓާލިން އެވެ.
އެ މެޗުގައި ސެލްޓިކް އަށް ތިން ވަނަ ފަހަރަށް ލީޑު ނަގައިދިނީ މެޗުގެ 47 ވަނަ މިނެޓްގައި ޑެމްބެލޭ އެވެ. ނަމަވެސް އޭގެ އަށް މިނެޓް ފަހުން ސިޓީގެ ނޮލީޓީ ވަނީ ގޯލެއް ކާމިޔާބުކޮށް އެ ޓީމާ ނަތީޖާ ހަމަހަމަކޮށްދިނެވެ.
އެ ގުރޫޕްގައި ރޭ ކުޅުނު ދެވަނަ މެޗު ބާސެލޯނާ ކާމިޔާބުކުރީ 2-1ގެ ނަތީޖާ އަކުން މޮންޗެންގްލަޑްބެކްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ބާސާ އާއި މޮންޗެންގްލަޑްބެކް ކުޅުނު މެޗުގައި ބާސާ މޮޅުކޮށްދިން ގޯލު ޕީކޭ ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ޔުއެފާ
އެ މެޗުގައި ފުރަތަމަ ގޯލެއް ކާމިޔާބުކޮށް ލީޑު ނެގީ މޮންޗެންގްލަޑްބެކެވެ. އެ ގޯލު މެޗުގެ 34 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޗެލްސީ ތަރި އެޑެން ހަޒާޑްގެ ކޮއްކޮ ތޯގަން ހަޒާޑެވެ.
ނަމަވެސް ބާސެލޯނާއިން މޮޅުވީ ފަހަތުންއަރާ ދެ ގޯލު ކާމިޔާބު ކޮށްގެންނެވެ. ބާސާ އަށް ނަތިޖާ އެއްވަރު ކޮށްދިނީ މެޗުގެ 65 ވަނަ މިނެޓްގައި އަރްދާ ޓުރާން އެވެ. ބާސާ މޮޅު ކޮށްދިން ގޯލު މެޗުގެ 74 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑެފެންޑަރު ޖެރާޑް ޕީކޭ އެވެ.
ޗެމްޕިއަންސް ލީގުގެ 'ގްރޫޕް ސީ'ގައި ދެން އޮންނާނީ ބާސެލޯނާ އާއި ސިޓީގެ ކުރިމަތިލުމެވެ. އަންނަ މަހު 19 ވަނަ ދުވަހު އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސިޓީގެ އެއްތިހާދު ސްޓޭޑިއަމްގައެވެ.