06 Jun 2011, 10:18
ދިވެހި ފަންނާނުންގެ ދަފުތަރު، ނުވަތަ މޯލްޑިވްސް އާޓިސްޓްސް ޑައިރެކްޓަރީއެއް އުފައްދައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ޔޫއެންޑީޕީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އުފެއްދި ދިވެހި ފަންނާނުންގެ ދަފުތަރު ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް އާ ހަވާލުކޮށްފައިވާ ކަމަށާއި މި ދަފުތަރަކީ ދިވެހި ފަންނުންވެރިންނަށް އެ މީހުންގެ މަސައްކަތްތަކާއި ހާސިލު ކޮށްފައިވާ މުހިންމު ކަންކަން ދިވެހިންނަށާއި ބައިނަލް އަގުވާމީ މުޖުތަމައަށް ހުޅުވައިލުން ކަމަށެވެ.
"... މި ޑައިރެކްޓަރީ މެދުވެރިކޮށް ފަންނާނުންގެ މަސައްކަތްތައް މާކެޓް ކުރުމާއި ފަންނީ މަސައްކަތުގެ ތަރައްގީ އާއި ވިޔަފާރީގެ ގުޅުންތަކާއި އަދި ފަންނާނުންގެ މެދުގައި ގުޅުން ބަދަހިކޮށް ދާއިރާގެ ކުރިއެރުމަށް ފަންނާނުން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ވެސް ފުރުސަތު ލިބިގެންދާނެ ކަމަށް މި ސެންޓަރުންނާއި ޓޫރިޒަމުން ދެކެމެވެ،" ޓޫރިޒަމުން މިއަދު އާންމު ކުރި މައުލޫމާތު ތަކެއްގައި ބުނެފައި ވެ އެވެ.
ދިވެހި ފަންނާނުންގެ ދަފުތަރަކީ ހުރިހާ ދާއިރާއަކަށް ހުޅުވާލެވި އަޕްޑޭތް ކުރާ ދަފުތަރެކެވެ. އޭގެ ތެރޭގައި ކުރެހުމާއި ފޮޓޯގްރެފީ އާއި ލިޔުންތެރިކަމާއި ފިލްމީ ދާއިރާގެ ފަންނުތަކާއި މިއުޒިކާއި ސަގާފަތާއި އަތްތެރި މަސައްކަތާއި ތަމްސީލު ކުޅުމާއި ސަގާފީ ނެށުން ފަދަ ފަންނުތައް ހިމެނެ އެވެ.