ކަލާސް ޓީވީ އިން ގެނެސްދޭ 'ކޮމެޑީ ނައިޓްސް ބަޗާއޯ'ގައި ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ތަނިޝްތާ ޗަތަރްޖީގެ ހަމުގެ ކުލަ ކަޅުވުމުން އޭނާ އަށް މަލާމާތް ކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.

ތަނިޝްތާ އެ ޝޯ އަށް ދިޔައީ އޭނާގެ އެންމެ ފަހުގެ ފިލްމު 'ޕާރޗްޑް' ޕްރޮމޯޓް ކުރުމަށް، ފިލްމުގެ ޑައިރެކްޓަރާއި ކޯސްޓާ ރާދިކާ އަޕްޓޭ އާވެސް އެކުގަ އެވެ.

ޝޯ އަށް ދިއުމުގެ ކުރިން އެއީ ކޮން ކަހަލަ ޝޯއެއް ކަމަށާއި، ޝޯގެ މަގުސަދަކީ ކޮބައިކަން އޭނާ އަށް ކިޔައިދިން ކަމަށް ތަނިޝްތާ ބުންޏެވެ. އެގޮތުން ޝޯގައި މީހުން ލަދުގަންނުވަން މަސައްކަތް ކުރާނެ ކަމަށާއި މަލާމާތް ކުރާނެ ކަން ބުނެދިން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ނަމަވެސް އޭނާގެ ހަމުގެ ކުލަ އަލި ނޫން ކަމަށް ބުނެ އޭނާއާ ދިމާކޮށްލާނެ ކަން ކުޑަކޮށް ވެސް ހީވެފައި ނުވާ ކަމަށް ތަނިޝްތާ ބުންޏެވެ. ޝޯގައި ނަސްލީ ގޮތުން ދިމާކޮށްލުމުން ތަނިޝްތާ ވަނީ ޝޯގެ މެދުތެރެއިން ޝޯދޫކޮށް ގޮސްފަ އެވެ.

އެއަށް ފަހު އޭނާ ކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ ޝޯ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި އެފަދަ ގޮތަކަށް މީހަކު އޭނާ އާ އަދި ދުވަހަކު ވެސް ދިމާކޮށްލާފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.

ޝޯގައި ތަނިޝްތާ އަށް މަލާމާތް ކުރުމާ ގުޅިގެން ބޮލީވުޑްގެ ފަންނާނުން އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ. އެގޮތުން އެކްޓްރެސް ނަންދިތާ ދާސް ވަނީ ޖިންސީ އަދި ނަސްލީ ތަފާތު ކުރުންތަކާއި މަލާމާތަކީ އެއްވެސް ގޮތަކަށް ސަމާސާ އެއް ނޫން ކަމަށެވެ.

އަޖޭ ދޭވްގަން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެގޮތުން ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނާނެ ކަން އަޖޭ ވަނީ ފާހަގަކޮށްފަ އެވެ.

ކަލަސް ޓީވީގެ ފަރާތުން ވެސް ވަނީ ތަނިޝްތާގެ ކިބައިން މައާފަށް އެދިފަ އެވެ.