29 Sep 2016, 09:33
ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީތަކާ ގުޅިގެން އުފެދޭ މައްސަލަތައް ހައްލުކުރުމަށް އެސަފާރީތައް ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ސަން އަށް ވިދާޅުވީ ސަފާރީތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެސަފާރީތަކަށް ގުޅީފަޅު ބަނދަރު ހާއްސަކުރުމަށް ނިންމައި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއާ އެކު މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުގެ ވިސްނުން ހުރީ އެހެން ދިމާލަކަށް ރިލޮކޭޓް ކޮށްދޭންގޮތަށް، ގުޅީފަޅުގައި ރިލޮކޭޓް ކުރެވޭނެ އިންތިޒާމްތަކެއް އިކޮނޮމިކް މިނިސްޓްރީން އެބަކުރައްވާ،" މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލޭފަޅުގައި ގިނަ އަދަދެއްގެ ސަފާރީތައް އަޅާފައި އޮންނައިރު އެސަރަހައްދަށް އެހެން ދޯނި ފަހަރު ވެސް ފަސޭހައިން ވަދެހަދަ އެވެ. ނަތީޖާއެއްގެ ގޮތުން ސަފާރީތަކުން ވައްކަން ކުރުން ފަދަ ކަންކަން ކުރެ އެވެ.
ހަމައެހެންމެ ސަފާރީތަކުން ހުޅުމާލެއަށް އަރާފައިބާ އިރު ގިނަ އަދަދެއްގެބަނގުރާ އެރަށަށް ބާލާމައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ހުޅުމާލޭ ފަޅުގައި އޮންނަ ސަފާރީތަކަށް ހާއްސަ އުސޫލެއް އަންނަ ހަފްތާގެ ތެރޭގައި އިއުލާން ކުރުމަށް ނިންމާފައިވާ އިރު އެ އުސޫލްތަކާ ހިލާފްވާ ސަފާރީތައް އެފަޅުން ޖާގަ ނުދޭނެ ކަމަށެވެ.