29 Sep 2016, 08:39
މި އަހަރު ނުކުތް އެންމެ މޮޅު އެއް ފިލްމު ކަމުގައިވާ 'އުޅްތާ ޕަންޖާބް'ގެ ވާހަކަ އަކީ 2002 ވަނަ އަހަރު ރިލީޒްވި ބެން އެލްޓަންގެ ވާހަކަ 'ހައި ސޮސައިޓީ'ގެ ކޮޕީ އެއް ކަމަށް ބުނެ ރިޕޯޓުތަކެއް ވަނީ އާންމުވެފައެވެ.
އެގޮތުން ފިލްމުގެ ނަމަކީ ވެސް ކޮޕީއެއް ކަމަށާއި، ފިލްމުގެ ކޮންމެ ކެރެކްޓަރ އެއް ވެސް ވާހަކަގައި ގެނެސްދީފައިވާ ކެރެކްޓަރުންނާ ދިމާވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރު އަނޫރާގް ކަޝްޔަޕް މިވަނީ އެކަން ދޮގުކޮށްފައެވެ.
"އަހަރެން ހަމަ ނެތް ބުނާނެ އެއްވެސް އެއްޗެއް. އަހަރެން މި އިނީ ޝޮކެއްގެ ތެރޭގައި. އަހަރެން އަދި އެ ވާހަކަ އެއް ނުވެސް ކިޔަން،" އަނޫރާގް ބުންޏެވެ.
އަނޫރާގް ބުނީ އެ ފިލްމުގެ ސްކްރިޕްޓް ލިޔުމަށް ފިލްމުގެ ޑައިރެކްޓަރާއި ސްކްރިޕްޓް ލިޔުނު ފަރާތް ޕަންޖާބުގައި ގިނަ ދުވަސްތަކެއް ހޭދަކޮށް، ދިރާސާ ކުރި ކަމަށެވެ.
އަދި ސްކްރިޕްޓް ލިޔުމަށް އެ ވާހަކައިން ހިތްވަރު ހޯދާފައި ވީނަމަވެސް، ލިޔެފައިވަނީ ވަރަށް މޮޅު އަދި ތައުރީފު ހައްގު ސްކްރިޕްޓެއް ކަމަށް އަނޫރާގް ވަނީ ބުނެފައެވެ.
"ސަބަބަކީ އަހަރެން ކީ ސްކްރިޕްޓާއި ބެލި ފިލްމަކީ ހަމަ ސީދާ ޕަންޖާބުން ކުރި ފަޅައިގެން އައިސްފައިވާ އެއްޗެއް،" އޭނާ ބުންޏެވެ.
'އުޅްތާ ޕަންޖާބު' ގެ ސްކްރިޕްޓު ލިޔުނު ސުދީޕް ޝަރްމާ ބުނީ އޭނާ މީގެ ކުރިން 'ހައި ސޮސައިޓީ' ކިޔާފައިވާ ކަމަށާއި ނަމަވެސް މިހާރު މާބޮޑަށް ވާހަކަ ހަނދާން ނެތް ކަމަށެވެ.