29 Sep 2016, 08:41
އިންޑިއާގެ ކްރިކެޓް ލެޖެންޑް މަހެންދްރަ ސިންގ ދޯނީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު، "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ޕާކިސްތާނުގައި ދެއްކުން މަނާކޮށްފި އެވެ.
ޕާކިސްތާނުގައި އެ ފިލްމު ދެއްކުން މަނާކުރީ ކަޝްމީރުގައި އިންޑިއާ އިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް މިމަހުގެ 18 ވަނަ ދުވަހު ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 19 ސިފައިން މަރާލުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި ވާތީ އެވެ.
ޕާކިސްތާނުގެ އެގްޒިބިޝަން އިންޑަސްޓްރީ އިސް އޮފިޝަލަކު ވިދާޅުވީ "އެމްއެސް ދޯނީ" ރިލީޒް ކުރުމަށް އެއްވެސް ޑިސްޓްރިބިއުޓަރަކު ބޭނުން ނޫން ކަމަށެވެ.
ކުރިން އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ އައިއެމްޖީސީ ގްލޯބަލް އިންޓަނޭޝަނަލް އިންނެވެ.
"ދެ ގައުމުގެ ދެމެދުގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅުގައި ފިލްމު އަޅުވާކަށް ބޭނުމެއް ނޫން،" އެ ކުންފުނީގެ ޗެއާމަން ބުންޏެވެ.
އިންޑިއާ އިން ބުނަމުން އަންނަނީ އެހަމަލާ ދިން ހަތިޔާރަކީ ޕާކިސްތާނަށް ނިސްބަތްވާ ހަތިޔާރު ކަަމަށާއި އެހެންކަމުން ހަމަލާގެ ޒިންމާ ޕާކިސްތާނުން ނަގަންވާނެ ކަމަށެވެ.
އެއާއެކު ބޮލީވުޑުގައި މަސައްކަތް ކުރާ ޕާކިސްތާނު ފަންނާނުން އިންޑިއާ ދޫކޮށް ދިއުމަށް ވެސް މަހާރާޝްތުރަ ސަރުކާރުން ވަނީ އަންގައިފައެވެ. އިންޒާރާ އެކު ޕާކިސްތާނު ހުރިހާ ފަންނާނުން މިހާރު އެނބުރި ޕާކިސްތާނަށް ގޮސްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދެ އެވެ.
ޕާކިސްތާނު ފަންނާނުން އިންޑިއާ އިން ބޭރުކުރުމާ ގުޅިގެން، ޕާކިސްތާނުގައި ބޮލީވުޑް ފިލްމުތައް ނުދެއްކުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކޮށް މިހާރު ވަނީ ޕާކިސްތާނު ހައި ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފައެވެ.