29 Sep 2016, 08:32
ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އަށް މެޖޯރިޓީ ހޯދައިދޭން ޖެހޭ ކަމަށް އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ ޝޯރޫމް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ބޮޑެތި މަޝްރޫއުތަކެއް ކުރައްވަމުން ގެންދަވާކަމަށާއިި ހާއްސަގޮތެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ހާއްސަ އަހައްމިއްޔަތެއް ދޭ ކަމަށްވެސް ވިދާޅުވި އެވެ.
ޠާރިޤުގެ ވާހަކަފުޅުގައި، ޔާމީންގެ ސަރުކާރު ވެރިކަމަށް އައި އިރު އޮތީ، 30 ނަރުދަމާ އާއި ފަސް ރަށެއްގެ ފެނުގެ ނިޒާމް ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން މިހާތަނަށް 10 ރަށެއްގެ ނަރުދަމާއާއި 10 ރަށެއްގެ ފެނުގެ ނިޒާމް ގާއިމްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ތަރައްގީގެ އެފަދަ މަޝްރޫއުތައް ހިންގޭނީ ރައްޔިތުންނާއި ކައުންސިލްތަކުގެ އެއްބާރުލުންވެސް ލިބިގެން ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވައި ކައުންސިލްތަކުގެ މެޖޯރިޓީ ޕީޕީއެމްއަށް ހޯއްދަވައި ދެއްވުމަށް އެދި ވަޑައިގެންނެވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީން ސަރުކާރުގެ ދައުރު ނިމޭއިރު ރާއްޖޭގެ އާބާދީގެ 75 ޕަސަންޓަށް ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރާނެ ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ސަރުކާރުން ކުރާ ކަންކަމަށް އިދިކޮޅު ފަރާތްތަކުން ބޮޑެތި ގޮންޖެހުންތައް ކުރިމަތި ކުރުވަން މަސައްކަތް ކުރާ ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކަށް ހުއްޓުމެއް ނާންނަކަން ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ބަޖެޓުން މިއަހަރު 54 ރަށެއްގެ ނަރުދަމާ ގާއިމް ކުރުމަށް ނިންމާފައިވެ އެވެ. އޭގެ ތެރެއިން 38 ރަށެއްގެ ނަރުދަމާގެ މަސައްކަތް ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު 16 ރަށެއްގެ ނަރުދަމާ ގާއިމް ކުރުމަށް ހަމަޖެހިފައި ވަނީ ލޯނު އެހީގެ ދަށުންނެވެ.