06 Jun 2011, 09:45
އިޔާދަކުރަނިވި ހަކަތަ އުފައްދާ މަޝްރޫއެއް ކ. ގިރިފިނޮޅުގައި ސިފައިން ފަށައިފި އެވެ.
ތިމާވެށީގެ ދުވަހާ ގުޅުވައިގެން އިއްޔެ މި މަޝްރޫއޫގެ ފެށުން އިފުތިތާހުކޮށް ދެއްވެވީ ތިމާވެއްޓާބެހޭ ވަޒީރު މުހައްމަދު އަސްލަމެވެ. މަޝްރޫއު އިފުތިތާހު ކޮށްދެއްވީ ކ. ގިރިފުށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ގިރިފިނޮޅުގައި ސިފައިން ފެށި ހަކަތައިގެ މަޝްރޫއާބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ލެފްޓިނަންޓް ތޮލްޙަތު ހަސަން ވިދާޅުވީ ގިރިފިނޮޅުގައި ސިފައިން ސައިޓް ސާވޭކޮށް ވިންޑް ޓާބައިން ޤާއިމުކުރަން ކުރި މަސައްކަތަށް ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.
ސިފައި ފެށި މި މަޝްރޫއަށް ބޭނުންވާ ވިންޑް ޓާބައިން ހަދިޔާކޮއްފައިވަނީ އެސްޓީއޯ ގޭހުންނެވެ. އެހެނިހެން ހަރަދުތައް އިތުރު ފަރާތްތަކުން ކޮއްދީފައިވާއިރު ގިރިފިނޮޅުގައި ބެހެއްޓި ދެ ޓާބައިން ބޭނުންކޮށްގެން ތިން ކިލޯވޮޓުގެ ކަރަންޓު އުފައްދެ އެވެ. ގިރިފިނޮޅަށް ބޭނުންވަނީ 1.5 ކިލޯވޮޓު ކަރަންޓެވެ.
އިޔާދަކުރަނިވި ހަކަތަ އުފައްދަން ސިފައިން ފެށި މަޝްރޫއަށް ތައުރީފު ކުރައްވައި ތިމާވެއްޓާ ބެހޭ މިނިސްޓަރު، އަސްލަމް ވިދާޅުވީ ސިފައިންގެ މި މަޝްރޫޢަކީ ކަންކަން ލީޑްކުރުމުގެ ފުރިހަމަ މިސާލެއް ކަމަށެވެ. ސިފައިންގެ ތެރޭގައި މިފަދަ ކަންކަމަށް ޤާބިލު އިންޖިނިއަރުން އުފެއްދުމަކީ ސަރުކާރުގެ ވިސްނުމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.