29 Sep 2016, 00:30
ރާއްޖޭގެ އެންމެ މަގުބޫލު އޮންލައިން ނޫހުގެ ކިޔުންތެރީންނަށް މިއީ އަނެއްކާވެސް އުފާވެރި ޚަބަރެކެވެ. މީގެ ހައެއްކަ އަހަރު ކުރީން ފެށިގެން ރާއްޖޭގައި އޮންލައިންކޮށް ޚަބަރާއި މައުލޫމާތު ފެތުރުމުގައި އިންގިލާބެއް ގެނުވި، ސަން އޮންލައިންގެ ވެބްސައިޓުގެ މޫނުމަތި، ނުވަތަ ފްރަންޓް ޕޭޖުގެ ލޭއައުޓަށް މިވަނީ ކިޔުންތެރީން ބޭނުންވާނޭފަދަ ލުއި ބަދަލުތަކެއް ގެނެސްފައެވެ.
މީގެ ކުރީން ފެނުނު ސަންއަށް ވުރެ މިހާރު ފެންނަ ސަން ސައިޒުން ބޮޑުވާނެއެވެ. މިދެންނެވީ، ފަހުން މިގެނައި ބަދަލާއެކު ސަންގެ ވެބްސައިޓް ކުރިއަށްވުރެ ފުޅާވެފައި، ޚަބަރުތައްވެސް ކުރިއަށްވުރެ ހޯދާލަން ފަސޭހަވެ، ތަރުތީބު ކުރެވިފައިވާލެއް ފަސޭހަވާނެ ވާހަކައެވެ.
ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ، އޮންލައިން މީޑިއާ އަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު މައުލޫމާތު ހޯދައި ލިބިގަތުމަށް މިއަދު ބޭނުންކުރާ ވަސީލަތް ކަމަށާއި އެހެން ކަމުން މި ވަސީލަތުގެ ބޭނުން ހިފާ ފަރާތްތަކަށް އެންމެ ފަސޭހަ ގޮތްތައް ތައާރަފުކުރުމަށް ސަން އިން އަބަދުވެސް ބޭނުންވާ ކަމަށެވެ. މި ކަމަށް ބޭނުންވާ ދިރާސާތައް ކުރުމުގައި ސަންގެ ކްރިއޭޓިވް ޓީމާއި ވެބް ޓީމުން މެދުނުކެނޑި އަބަދުވެސް މަސައްކަތް ކުރާ ކަމަށް ސިނާން ވިދާޅުވި އެވެ.
"އޮންލައިން މީޑިއާގެ އެންމެ މަތީ މަގާމުގައި މިއަދު ސަން އަށް މި އޮވެވުނީ ސަބަބުތަކެއް ހުރެގެން. އޭގެ ތެރޭގައި އަޅުގަނޑުމެން ގެނެސްދޭ ޚަބަރާއި މައުލޫމާތުގެ އިތުބާރު ހިފެހެއްޓުމާ އެކު ކިޔުންތެރީންނަށް ފަސޭހަ ފަރުމާއެއްގައި މި މައުލޫމާތުތައް ހުށަހަޅައިދިނުން ވެސް ހިމެނޭ،" ސިނާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަބަދުވެސް ބަލަނީ އިނޮވޭޓިވް އަދި އަޅުގަނޑުމެންގެ ކިޔުންތެރީންގެ ލޮލަަށް ފަސޭހަ ގޮތަކަށް، ފޮޓޯތަކާއި ޚަބަރުތައް ގެނެސްދެވޭތޯ. އަދި ކޮންޓެންޓް މުއްސަނދިކުރުމަށް އަޅުގަނޑުމެން ޚާއްސަ އިސްކަމެއް ދެން" ސަން އޮންލައިނަށް މި ގެނެވުނު ބަދަލާ ގުޅޭގޮތުން އެޑިޓަރ އިން ޗީފް ހިރިގާ އަހްމަދު ޒާހިރު ވިދާޅުވިއެވެ.
ސަންގެ "ހޯމް ސްމޯލް" އިން ކުރިން ހަތަރު ޚަބަރު ފެނުނު ނަމަވެސް މިހާރު ފަސް ޚަބަރު ފެންނާނެއެވެ. އަދި ކުރިއަށްވުރެ ސާފު، ބަލައިލާން ފަސޭހަ ގޮތެއް ހުންނާނެއެވެ. ކަނާތްފަރާތުން "ފީތާ"އެއްގެ ގޮތަށް ޚަބަރުތައް ގެނެސް ދިނުމުގައި ސަންއިން ދިން އިސްކަން މިހާރުވެސް އިތުރަށް ފުރިހަމަކޮށްފައި ވާނެއެވެ. އެގޮތުން އެންމެ ފަހުގެ ގިނަ ޚަބަރުތަކެއް ފީތާއިން ފެންނާނެއެވެ.
ޚަބަރު ކެޓަގަރީތައް އަތުރާލުމުގައި ވެސް ކިޔުންތެރީންގެ މެދުގައި މަގުބޫލުވާ ބާވަތްތަކުގެ ޚަބަރު ފަސޭހައިން ހޯދޭނޭގޮތަށް އިސްކަންދީފައި ވާނެއެވެ. އަދި ސަން މީޑިއާގެ ކުޑައިގެ ދަށުގައި ކުރިއަށްދާ، "ސަން ސްޓޯރ"، "ސަން ލިސްޓް"، "ސަން ޓީވީ" އަދި ސަންގެ ސޯޝަލް މީޑިއާ ޕޭޖްތައް ވެސް ފަސޭހައިން ފެންނާނޭ ގޮތަކަށް އަތުރާލެވިފައި ވާނެއެވެ. މީގެ އިތުރުން ސަންގެ މަލްޓި މީޑިއާ "ފޮޓޯ"އާއި ވީޑިއޯ އަލްބަމްތަކަށް ވެސް މިހާރު ބަދަލުތަކެއް ގެނެވިފައި ވާނެއެވެ.
ސަން މީޑިއާގެ ކްރިއޭޓިވް ޑައިރެކްޓަރު މުސްތަފާ ރަޝީދު (މުސްތޮ) ވިދާޅުވީ، ލޭއައުޓަށް މިގެނެވުނު ބަދަލުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ކުރިއަށް ރާވާފައި ހުރި ''އިނޮވޭޝަންސް"ތަކަށް މަގުފަހު ކުރުން ކަމަށެވެ.
"ސައިޓަށް ބަދަލު ގެންނައިރު ބަލާފައި ހުންނާނީ، ޔޫޒަރ އެކްސްޕީރިއެންސް އިމްޕްރޫވްކޮށް، މޮޑަން، ކްލީންސް ލުކެއް ގެނައުމަށް. އަދިވެސް އިތުރު ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި ފެނިގެންދާނެ،" މުސްތޮ ވިދާޅުވިއެވެ.
އޮންލައިން މީޑިއާތަކުގެ ބޭނުން އެންމެ ބޮޑަށް ހިފާ އެއްބަޔަކީ "ސްޕޮންސަރުން"ނެވެ. ސަން މިހާރު މިވަނީ، ވިޔަފާރިތަކާއި އެނޫންވެސް، މައުލޫމާތުތައް އިޝްތިހާރުކުރާން ބޭނުންވާ ފަރާތްތަކަށް ކުރިއަށްވުރެ ބޮޑަށް ތަނަވަސްވެފައެވެ. މިހާރު ސަންގައި ބޭނުންކުރާ "އެޑްވަޓައިޒިން ސްލޮޓް"ތަކުގެ ސައިޒު ވެސް ކުރިއަށްވުރެ ބޮޑުވާނެއެވެ.
ސަން މީޑިއާގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މިންހާ ފާއިޒު (މިންނު) ވިދާޅުވީ، މީގެ ކުރިންވެސް ސަންއިން ވާނީ، އިޝްތިހާރު ކުރުމަށް "އޮންލައިން މީޑިއާ އެޑްވަޓައިޒިންގެ އާ ގޮތްތައް، ތައާރަފްކޮށްފައި" ކަމަށެވެ.
އެގޮތުން މިފަހަރު މިގެނައި ބަދަލުތަކުގެ ތެރޭން، ސްޕޮންސަރުންގެ ވިޔަފާރިތަކަށް އިތުރު ފަހިކަމެއް ލިބިގެން ދާނޭ ކަމަށެވެ.
"ވާދަވެރި ވިޔަފާރީގެ މާހައުލެއްގައި، އަޅުގަނޑުމެންގެ ސްޕޮންސަރުންނަށް ބޭނުންވާ ފަދަ، ބަދަލުތައް ގެންނަން އަޅުގަނޑުމެން އަބަދުވެސް އިންކަންދެން. މި ފަހަރު މިގެނައި ބަދަލުގެ ތެރެއިން ސޕޮންސަރުންގެ ވިޔަފާރިއަށް ލިބޭ ޖާގަ ވެސް އިތުރުކޮށްދެވިފައި ވާނެ،" މިންނު ވިދާޅުވިއެވެ.
ސަން މީޑިއާ ގްރޫޕްގެ ކުޑައިގެ ދަށުން ވަކި މީޑިއަމެއްގެ ގޮތުގައި ސަން އޮންލައިން ރަޖިސްޓްރީކޮށްފައި ވަނީ ޖޫން 16 2010ގައެވެ. ނަމަވެސް ރަސްމީކޮށް ސަން އޮންލައިން ހިންގަން ފެށީ 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ކުރީކޮޅު އެވެ.
މީގެ ހައަހަރާ ނުވަމަސް ދުވަސް ކުރީން، ސަން އޮންލައިން ރަސްމީކޮށް ހިންގަން ފެށުމާއެކު ރާއްޖޭގައި ޚަބަރު ފެތުރުމުގެ ނިޒާމަށް ވެބްސައިޓުތަކުގެ މުހިއްމުކަން ފާހަގަވެގެން ދިޔައެވެ. އަދި އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ސަންއިން މަސައްކަތްކުރަމުން މިއަންނަނީ، ސަންގެ ކިޔުންތެރީން ބޭނުންވާގޮތަށް ބޭނުންވާ ފަދަ ބަދަލުތަކެއް ސަންގެ ފަރުމާއަށާއި ކޮންޓެންޓަށް ވެސް ގެނައުމަށެވެ.
ދުނިޔޭގެ ވެބްސައިޓްތައް ރޭންކް ކުރާ އެލެކްސާގެ ރޭންކިން އަށް ބަލާ އިރު ރާއްޖެއިން އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓަކީ ސަން އޮންލައިން އެވެ.