29 Sep 2016, 00:05
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގައި ހިމެނޭ އާންމު މެންބަރުން، އެ ޕާޓީގެ ކަންކަމުގައި މަގުމައްޗަށް ނުކުންނަށް ޖެހިއްޖެ ހާލަތެއްގައި މަގުތަކަށް ނުކުންނަން މިހާރު "ފޫހިވާ ކަމަށް" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ސަން ޓީވީގެ "ފަންސާސް މިނިޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ، މީގެކުރިން އެމްޑީޕީން ހިންގާ ހަރަކާތްތަކަށް ގިނަ ބަޔަކު ނުކުތް ނަމަވެސް، އޭރު ކުރި ތާއީދާއި، އެ ފޯރިއާ އެކު މިހާރު އެ ޕާޓީގެ އާންމު މެންބަރުން މަގުތަކަށް ނުނިކުންނަ ކަމަށާއި އެގޮތަށް އުޅެން މެންބަރުން މިހާރު "ފޫހިވާ" ކަމަށެވެ.
ސަބަބެއް ކަމަށް މޫސަ ވިދާޅުވީ، އެމްޑީޕީން އިސްވެ އޮވެ، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ނަމުގައި އިދިކޮޅު އިއްތިހާދެއް އުފައްދައި، އޭގައި ހިމެނޭ އިސްވެރިން "އަމިއްލައަށް އަރުވާލެވިގެން ތިބޭތީ" ކަމަށެވެ.
އަޅުގަނޑުމެންގެ ޕާޓީ މިއޮތީ މިތަނުގަ. އިލެކްޝަން ކޮމިޝަނުގަ ރަޖިސްޓަރީވާން މިޖެހެނީ. އިލެކްޝަން ކޮމިޝަނުން ލާރިދޭން ޖެހެނީ. އެކަމަކު ޕާޓީގެ މައި އޮފީސް މިހުންނަނީ އިނގިރޭސި ވިލާތުގައި. ދެން ކިހިނެއްތޯ މިކަން ކުރަނީ،އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު
މޫސަ ވިދާޅުވީ، ޕާޓީގެ ވެރީންގެ ނަމުގައި ތިއްބަވާ ބޭފުޅުން ޕާޓީގެ އިސް ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިނުވާ ނަމަ އާންމު މެންބަރުން ވެސް ފޫހިވާނެ ކަމަށެވެ.
"ރައީސް ޔާމީންގެ ސަރުކާރު ގޯސްކަމަށް ވަންޏާ ހަމަ ނިކުންނާނެ. އިއްތިހާދެއް ހަދައިގެން 100 ދުވަސް ވެގެން މި ދިޔައީ، އަދި އެތަނަށް މިއުޅެނީ 2000 މީހުން ހަމަނުކުރެވިގެން. މަގުމައްޗަށް މީހުން ނިކުންނަން ގޮވާލި. އެމްޑީޕީގެ މީހުންނަކީ ފުލުހަކު ފެނިގެން ބިރުގަންނާނެ ބައެއް ނޫން. އެމްޑީޕީން ފޫހިވީ އެކަމަށް. ކޮންބައެއްތޯ ގޮވައިގެން ނުކުންނަން ތިބީ،" މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީ މިއޮތީ މިތަނުގަ. އިލެކްޝަން ކޮމިޝަނުގަ ރަޖިސްޓަރީވާން މިޖެހެނީ. އިލެކްޝަން ކޮމިޝަނުން ލާރިދޭން ޖެހެނީ. އެކަމަކު ޕާޓީގެ މައި އޮފީސް މިހުންނަނީ އިނގިރޭސި ވިލާތުގައި. ދެން ކިހިނެއްތޯ މިކަން ކުރަނީ،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، ސަރުކާރުން ފައިސާ ދީގެން އިދިކޮޅު ފަރާތެއްގެ ގޮތުގައި އެމްޑީޕީ ހިންގަން ފައިސާ ދިނުމުގެ ބޭނުމެއް މިހާރު ނެތް ކަމަށާއި އެ ފައިސާ އެހެން ގޮތަކަށް، ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ބޭނުންކުރުން މާ ބުއްދިވެރި ކަމަށެވެ.
"އަޅުގަނޑުމެންގެ މި ރާއްޖެއިން ބަޖެޓަށް ފައިސާ ދީފައި، ރައްޔިތުން ދައްކާ ޓެކްސްގެ ފައިސާދީފަ، އޭގެތެރެއިން ކުރަންހުރި ބައިވަރު ކަންތައްތައް ނުކޮށް، ސަރުކާރުންދޭ އެ ފައިސާ ހިފައިގެންގޮސް ބޭރު ގައުމުތަކުގައި ތިބެގެން މިގައުމުގެ ޓޫރިޒަމް ހަލާކުކޮށް، މިރާއްޖެއާ ދޭތެރޭގަ ދަތިކުރުމުގެ ފިޔަވަޅު އަޅައި މިކަންކަން ކުރާކަށް ކޮންމެހެން ދައުލަތުގެ ފައިސާ ދީފަ ބޭތިއްބުމުގެ މާނައެއް ނެތެއްނޫންތޯ،" މޫސަ ވިދާޅުވި އެވެ.
މިރޭގެ ޕްރޮގްރާމްގައި މޫސަ ވަނީ އިދިކޮޅު ފަރާތްތަކުން ރާއްޖޭން ބޭރުގައި ހިންގާ ކަންކަމާއި، އެމްޑީޕީން ކަންކަން ނިންމަމުން އަންނަ ގޮތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.