ފެނުގެ ތަހުލީލުތައް ހެދުމުގެ ހިދުމަތާ އެކު މާލޭ ވޯޓާ އެންޑް ސްވަރޭޖް (އެމްޑަބްލިއުއެސްސީ)ގެ އާ ޝޯރޫމް ހުޅުވައިފި އެވެ.

އެމްޑަބްލިއުއެސްސީގެ ޝޯރޫމް މިރޭ ހުޅުވައިދެއްވީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހީމެވެ.

އެ ޝޯރޫމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، އެ ޝޯރޫމް ހުޅުވުމަކީ އެމްޑަބްލިއުއެސްސީގެ ކޮމާޝަލް ސެކްޓަރު ފުޅާވެގެން ދިއުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ ޝޯ ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަޒުލް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭނާ ވިދާޅުވީ، އެ ޝޯރޫމްގެ ސަބަބުން އެ ކުންފުނިން ވިއްކާ މުދަލާއި ހިދުމަތްތައް ފަސޭހަކަމާއެކު ކަސްޓަމަރުންނާ ހިއްސާ ކުރެވިގެންދާނެ ކަމަށެވެ.

ފަޒުލްގެ ވާހަކަފުޅުގައި އެމްޑަބްލިއުއެސްސީގެ ޕްރޮޖެކްޓްތަކުގެ ތެރެއަށް ސްޓޯމް ވޯޓާ ޕްރޮޖެކްޓްވެސް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ވިދާޅުވި އެވެ.

މިރޭ އެމްޑަބްލިއުއެސްސީގައި ހުޅުވި އެ ޝޯރޫމުން ފެނުގެ ތަހުލީލުތައް ހެދުމުގެ ހިދުމަތުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމްކުރުމަށް ބޭނުންވާ ތަކެއްޗާއި، އާރުއޯ ސްޕެއާޒް އާއި ޕީވީސީ އަދި ޕީއީ ޕައިޕާއި ފެނާ ގުޅުންހުރި ގިނަ ބާވަތްތަކެއް ދައްކާލެވި ކަސްޓަމަރުންނަށް އެތަކެތި ފަސޭހައިން ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން މައުލޫމާތު ދެ އެވެ.

އެމްޑަބްލިއުއެސްސީގެ ޝޯ ރޫމް މިނިސްޓަރު ޠާރިގު ބައްލަވާލައްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްޑަބްލިއުއެސްސީއިން ބުނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައި ރިސޯޓު ތަކަށް ހާއްސަކޮށްގެން ފެނާއި ނަރުދަމާ އަދި ކަރަންޓު ސޮލިއުޝަންސްދޭ ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފައިވާ ކަމަށާއި، އެމްޑަބްލިއުއެސްސީ ޔުޓިލިޓީ ސޮލިއުޝަންސްގެ ނަމުގައި ފޯރުކޯށްދޭ އެ ސޮލިއުޝަންސްތަކުގެ މުއާމަލާތްކުރުމުގެ ޕްލެޓްފޯމަކަށް މިރޭ ހުޅުވި ޝޯރޫމް ވެގެންދާނެ ކަމަށެވެ.