28 Sep 2016, 21:51
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން، ސަފާރީ ތަކުގައި ބޭނުން ކުރަން ހާއްސަ ޑިންގީއެއް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
އެ ކުންފުނިން އެ ޑިންގީ ދައްކާލާފައި ވަނީ މިހާރު ހުޅުމާލޭގައި ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައެވެ.
ސަފާރީތައް ނުވަތަ ލަގްޒަރީ އުޅަނދުތަކުގައި ބޭނުންކުރަން އެންމެ އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ އެ އުޅަނދު މެރިން އެކްސްޕޯގައި ލޯންޗްކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހީމް އެވެ.
ދުއްވަން އިންނަ މީހާއާ އެކު އިތުރު ހަތަރު ވަރަކަށް މީހުންނަށް ތިބެވޭގޮތަށް ޑިޒައިން ކޮށްފައިވާ އެ އުޅަނދާ އެކު އެމްޓީސީސީން، ސުޒުކީ އައުޓްބޯޑް އިންޖީނެއް ވެސް ދޭނެ އެވެ.
މެރިން އެކްސްޕޯގައި ހުރި އެމްޓީސީސީގެ ސްޓޯލަށް އެންވަޔަރަންމަންޓް މިނިސްޓަރު ޒިޔާރަތްކުރައްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
މެރިން އެކްސްޕޯގައި އެމްޓީސީސީން ގާއިމްކޮށްފައިވާ ސްޓޯލްގައި ހަރަކާތްތެރިވި އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ، އެ ޑިންގީ އަކީ ބޭރު ގައުމުތަކުގައި ވެސް ސަފާރީ ނުވަތަ ބޮޑެތި ލޯންޗްތަކުގައި ވެސް މިހާރު އެންމެ ގިނައިން ބޭނުންކުރާ އުޅަނދު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، ޑިންގީއާ އެކު އެ ކުންފުނިން 30 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑް އިންޖީނެއް ދޭނެ ކަމަށެވެ. 30 ހޯސްޕަވަރުގެ އިންޖީނެއް ދިންކަމުގައި ވިޔަސް، ޑިންގީ ބޭނުންކުރާ ފަރާތައް އޭގައި 40 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެޅޭނެ އެވެ.
ޑިންގީ ލޯންޗްކުރަން ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޮފިޝަލް ވިދާޅުވީ މިހާރު އެ ކުންފުނިން ޑިންގީ ހޯދަން ބޭނުންވާ ފަރާތްތަކަށް ޕްރީއޯޑާ ކުރެވޭނެ ކަމަށެވެ. ޕްރީއޯޑާކޮށް މައުލޫމާތު ސާފުކުރާނީ މާލޭގައި ހުންނަ އެ ކުންފުނީގެ ކަށަވަރު ޝޯރޫމާއި އެކްސްޕޯގައި އެ ކުންފުނިން ގާއިމްކޮށްފައިވާ ސްޓޯލުންނެވެ.