28 Sep 2016, 22:19
ހޮޓާ ނުވަތަ ރެސްޓޯރެންޓް ފަދަ ތަންތަން ހެދުމަށް އއ. ތޮއްޑޫގެ ބަނދަރު ސަރަހައްދުން ބިން ދޫކުރަން އެރަށު ކައުންސިލުން ނިންމައިފި އެވެ.
ތޮއްޑޫ ކައުންސިލުން ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، ހޮޓާ ނުވަތަ ރެސްޓޯރެންޓް ހަދަން އެރަށު ބަނދަރު ސަރަހައްދުން ދޫކުރަނީ 2000 އަކަފޫޓުގެ ތިން ބިމެއް ކަމަށެވެ.
އެ އިއުލާނުގައި ބުނީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހުގެ ކުރިން ތޮއްޑޫ ކައުންސިލް އިދާރާއަށް ހާޒިރުވެ، މައުލޫމާތު ސާފުކުރަން ޖެހޭނެ ކަމަށެވެ.
މައުލޫމާތުތައް ސާފުކުރުމަށްފަހު އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހުގެ ކުރިން ތޮއްޑޫ ކައުންސިލަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.
މައުލޫމާތު ސާފުކުރުމަށް އަމިއްލަ ފަރާތަކުން ވަޑައިގަންނަވާނަމަ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އެއް ގެންދަންޖެހޭނެ ކަމަށާއި ކުންފުންޏަކުން ނަމަ ކުންފުނީގެ ފަރާތުން ސިޓީއަކާއެކު ބަދަލުގައި މީހަކު ފޮނުވާކަމުގެ ލިޔުމެއް ގެންދަން ޖެހޭނެކަމަށް އިއުލާނުގައިވެ އެވެ.
ބިން ހޯދުމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންދޭނެ އުސޫލާއި އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތި ތޮއްޑޫ ކައުންސިލުގެއިއުލާނުގައިވަނީ ބަޔާންކޮށްފައެވެ.