28 Sep 2016, 21:13
އޭޝިއާގެ ފުޓްބޯޅަ އޮތީ އެކަތި ގަނޑެއްގެ ގޮތުގައި ވަރަށް ބަދަހި ކަމާއި އެކު ކަމަށް އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (އޭއެފްސީ)ގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ ވިދާޅުވެއްޖެއެވެ.
ޝެއިޚް ސަލްމާން އެހެން ވިދާޅުވީ، އިއްޔެ އިންޑިއާގެ ގޯއާގައި ބާއްވަން މަސަތްކަތްކުރި އޭއެފްސީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާ ފާސްނުވުމުން ކެންސަލް ކުރިކަން އިއުލާން ކުރުއްވަމުންނެވެ.
"އޭޝިއާގެ ފުޓްބޯޅަ މިއޮތީ އެކަތިގަޑެއްގެ ގޮތުގައި. އަހަރެން މެމްބަރު ހުރިހާ ގައުމަކަށް ވެސް ޝުކުރު އަދާކުރަން ބޭނުން ފުޓްބޯޅައިގައި އޭޝިއާގެ ބަދަހި ގުޅުން ދުނިޔެއަށް ދައްކުވައިދިނުމުން،" ޝެއިޙް ސަލްމާން ވިދާޅުވިއެވެ.
ޖުމްލަ 42 މެމްބަރު ގައުމުން މަންދޫބުން ބައިވެރިވި އެ ބައްދަލުވުމަކީ ފީފާގެ ކައުންސިލަށް އޭޝިއާއިން ދެ މެމްބަރަކު ނެގުމަށް ބޭއްވި ކޮންގްރެސް އެކެއެވެ. ކޮންގްރެސްގައި އެޖެންޑާ ފާސްކުރުމަށް ވޯޓް ދެއްވީ އެންމެ ދެ ގައުމުންނެވެ.
ފިފާގެ ރައީސް ޖިއާނޯ އިންފަންޓީނޯ ވެސް ބައިވެރިވެ ވަޑައިގެންނިވި އެ ކޮންގްރެސްގައި މެމްބަރު ގައުމުތަކުން އެޖެންޑާއާ ދެކޮޅަށް ވޯޓް ދިނީ ފީފާއިން ގަތަރުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ނައިބު ރައީސަށް ކޮންގްރެސްގައި ބައިވެރި ނުވެވޭނެ ކަމަށް ނިންމުމުންނެވެ.
ކޮންގްރެސްގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ގަތަރުގެ ނައިބު ރައީސަށް ބައިވެރިނުވެވޭނެ ކަމަށް ނިންމީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެހެން ކަމުން ގަތަރަށް ވަނީ ކޮންގްރެސްގައި ބައިވެރިވެވޭ ގޮތް ނުވެފައެވެ.
ފީފާއިން ވަނީ، ގަތަރު ފުޓްބޯޅަ އިދާރާގެ ނައިބު ރައީސް، މިދިޔަ މަހު ފުޓްބޯޅައިގެ ހަރަކާތްތަކުން ދެ އަހަރާ ބައިގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފައެވެ. ސަބަބެއްގެ ގޮތުގައި ފީފާއިން ބުނަނީ އެ އިދާރާއިން ތަހްގީގު ކުރުމުންދިޔަ މައްސަލައަކަށް އޭނާ އެއްބާރުލުން ނުދިނުމެވެ.