06 Jun 2011, 08:51
ހައްލެއް ނުފެނި ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ މައްސަލަތަކުގެ ތެރޭގައި ކުރީގައި އޮތީ ބިދޭސީންގެ މައްސަލަ އެވެ. ހާހުން ހާހުން އިތުރުވަމުންގޮސް، މިއަދު ބިދޭސީންގެ އަދަދު ލައްކައަކަށް އަރަން މިވަނީ ކައިރިވެފަ އެވެ. އެއީ އަދި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ނުހިމަނަ އެވެ.
ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިހާރު 94،000 ގައި ހުރި ބިދޭސީންގެ އަދަދު މި މަހުގެ ނިޔަލަށް 100،000 ހުރަސްކުރާނެ އެވެ. ނަމަވެސް، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކި ގަވައިދުތައް ނެރެ، ސިޔާސަތުތަކާއި ތަންފީޒީ ގުނަވަން ބަދަލުކުރަމުންދިޔަ ނަމަވެސް، ހަގީގަތަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ކޮންޓްރޯލްކުރެވުފައިނުވާ ކަމެވެ. އެހެންކަމުން އެކަން ކުރިއަށް އޮތް ކައިރި މުސްތަގުބަލުގައި ހާސިލްވާނެ ކަމާމެދު ގިނަ ބަޔަކު ޝައްކު ކުރެ އެވެ.
~
އިމިގްރޭޝަން ކޮންޓްރޯލާ އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި، ބިދޭސީންގެ އަދަދު އަދިވެސް އިތުރުވާނެ ކަމާމެދު އޭނާ ޝައްކެއް ނުކުރައްވަ އެވެ. އަދި އެމީހުންގެ އަދަދު ކުރިއަށް އޮތް ތަނުގައި ވެސް ދާނީ އިތުރުވަމުން ކަމުގެ އިންޒާރު ދެއްވި އެވެ.
"އަޅުގަނޑު ޝައްކެއް ނުކުރަން ރާއްޖެ އެތެރެވާ ބިދޭސީންގެ އަދަދު އަދިވެސް އިތުރުވާނެކަމާމެދު. އެ އަދަދު ދާނީ އަދިވެސް މައްޗަށް. އެއީ އެކަން ހިނގާނެ ވެސް ގޮތް. ދެން އަޅުގަނޑުގެ ޒިންމާ އަކީ ރާއްޖެ އެތެރެވާ ބިދޭސީން މޮނިޓާކުރުން. މޮނިޓާ ކުރުން ހަރުދަނާކުރަން ފިިޔަވަޅުތައް އަޅަމުން މިގެންދަނީ،" ކޮންޓްރޯލާ ވިދާޅުވި އެވެ.
ނަމަވެސް، ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ވަރަށް މަސައްކަތްކުރާ ކަމުގެ ފާޑުކިޔުންތައް ދަނީ އިތުރުވަމުންނެވެ.
"މިހާތަނަށް އައިއިރު އެކި ދާއިރާތަކަށް ބިދޭސީން ގެނެވޭނެ ވަކި އަދަދެއް ކަނޑައަޅައިފައެއް. ބޭނުން އަދަދަކަށް މީހުން ގެންނަންވީ. ގެންނަ މީހުންނަށް ރާއްޖޭގައި މަސައްކަތްކުރަން އުޅެވޭނެ ވަކި މުއްދަތެއް ނެތް. އެމީހުންނަށް ދޭންވީ ވަކި ނެތް އުޖޫރައެއް. ބޭނުން އަދަދެއް ދީގެން ގެންގުޅެންވީ،" ބިދޭސީންގެ މައްސަލައާ ގުޅޭ ގޮތުން ފަންނީ ބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވަފީޒާ އަދާކުރުމަށް ބިދޭސީން ގެނައުމުގެ އާ ގަވައިދުގެ ދަށުން ބިދޭސީންގެ މައްސަލަ އިތުރަށް ގޯސްވެެގެންދާނެ ކަމަށެވެ. އެގޮތުން ކުރިން ގޭގެއަށް ގެންނަ ބިދޭސީންނަށް ވަކި ކޯޓާއެއް އޮތް ނަމަވެސް، މިހާރު ބޭނުން އަދަކަށް ގެންނަން ފުރުސަތު ދިނުމުން، ހައްތަހާ އަދަދު ދާނީ އިތުރުވަމުން ކަމުގައި އޭނާ ވިދާޅުވި އެވެ.
އާ ގަވައިދުގެ ދަށުން ސަރުކާރު އޮފީސްތަކަށާއި ގޭތެރޭގެ މަސައްކަތަށް ކޯޓާއެއް ނެތި ބިދޭސީން އެތެރެކުރެވޭނެ އެވެ.
މީގެ އިތުރުން އެތެރެކުރާ ބިދޭސީންގެ ސެކިއުރީ ޑިޕޮސިޓް ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ މަދުކުރުމަށް ނިންމި ނިންމުމަށް ވެސް ބައެއް ފަރާތްތަކުން ފާޑުކިޔަ އެވެ. އެގޮތުން މިހާރު ކޮންމެ ބިދޭސީއަކަށް ބަހައްޓަން ޖެހޭ ޑިޕޮސިޓް ކުޑަވެފައިވާ ކަމަށާއި އެއީ ބިދޭސީން އެތެރެކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށް އެފަރާތަކުން ބުނެ އެވެ.
މިމަހުގެ 15 ވަނަ ދުވަހު އަމަލުކުރަން ފަށާ އާ ގަވައިދުގައިވާ ގޮތުގައި، ބިދޭސީއެއްގެ އަސާސީ ޑިޕޮސިޓަކީ 4000ރ. އެވެ. ނަމަވެސް، ކުރިން އެކި ގައުމުތަކަށް ތަފާތު އަދަދުތަކެއް އޮތީ ކަނޑައަޅައިފަ އެވެ. މީގެ އިތުރުން ބިދޭސީންގެ ކޯޓާ އިތުރުވާ ވަރަކަށް، ބިދޭސީއެއް ބޮލަކަށް ދައްކަން ޖެހޭ އަދަދު ވަނީ ކުޑަވެފައި އެވެ. މިހާރު ފަސް ބަންގްލަދޭޝް މީހުންނަށް 8000ރ. ގެ ޑިޕޮސިޓެއް ބަހައްޓައިގެން އެތެރެކުރެވޭނެ އެވެ. ނަމަވެސް ކުރިންނަމަ ބަހައްޓަން ޖެހެނީ ކޮންމެ މީހަކަށް 8000ރ. ގެ މަގުން 40،000ރ. އެވެ.
"ތެދެއް. އޭޖެންސީތަކަށާޢި ކުންފުނިތަކުން އުފުލަން ޖެހޭ ވަރަށް ބޮޑު ބުރައެއް ގިނަ ބަޔަކު ގެންނަ އިރު އެތައް ލައްކަ ރުފިޔާ ޑިޕޮސިޓަކަށް ބެހެއްޓުމަކީ. އެކަމަކު އެކުޑަކުރީމަ ބިދޭސީން ގެންނަން ފަސޭހަވީ. އެހެންވެ އިތުރަށް ގެންނާނެ ކަމާ މެދު ޝައްކެއް ނެތް،" ކުރިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު 250ރ. ގައި ހުރި ވީޒާ ފީ ބޮޑުކުރުމާ މެދުވެސް ސަރުކާރުން ވިސްނަންވެއްޖެ އެވެ.
ފާޑުކިޔުންތައް އަމާޒުވެފައިވަނީ ހަމައެކަނި ބިދޭސީން ގެނައުމުގެ ސިޔާސަތުތަކަކަށް ނޫނެވެ. ގަވައިދާ ހިލާފަށް އުޅޭ މީހުން އަތުލައިގަނެ، ފޮނުވާލުމުގައި ހިތްހަމަޖެހޭ ނަތީޖާއެއް ނުނެރެވޭ މައްސަލަ ވެސް އާއްމުން ފާހަގަކުރެ އެވެ. މާލެއަށް ބިދޭސީން ގިނަވެ، ތޮއްޖެހިފައިވާއިރު އޭގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ އެތައް ހާސް ބަޔަކު އަތުލައިގަތުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތައް ދޭތެރެ ދޭތެރެއިން ފެނެ އެވެ. ނަމަވެސް، ބިދޭސީން މަދުވާ ތަނެއް ނާދެ އެވެ.
އިމާރާތްކުރުމުގެ ދާއިރާއިން ފެށިގެން ގޮސް ރިސޯޓުތަކާއި ފިހާރަތަކާއި އެކި އޮފީސްތަކާއި ގޭތެރޭގައާއި ބާޒާރާއި މަސްމާރުކޭޓުންނާއި އޮޑިދޯނިފަހަރުތަކުގައި ހުސް ބިދޭސީންނެވެ. އެމީހުންގެ ސަބަބުން ގެއްލޭ ވަޒީފާތަކާ މެދު ދިވެހިން ކުރާ ޝަކުވާ މަދެއް ނޫނެވެ. ކަނޑު ހުރަސްކޮށް، ރާއްޖެ ތެރެއަށް ގޮސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދިވެހިން ކުރަމުންދިޔަ މަސައްކަތްތަކުރަން ފެށުމުން އެރަށްރަށުގެ ދިވެހި ވިޔަފާރިވެރިން ކުރަމުންދާ ޝަކުވާތައް ވެސް ދަނީ އިތުރުވަމުންނެވެ. މިހާރުވެސް ތޮއްޖެހިފައިވާ މާލެއަށް އެމީހުން ގިނަވެ، ހިނގާ ބިނގާވެ އުޅުމަށް ދަތިވެފައިވާ ކަމުގެ އަޑުތައް ވެސް މަޑެއް ނުވެ އެވެ. ބިދޭސީން ކުރާ ކުށްތައް ވެސް ވަނީ އިތުރެވެ.
ހަމައެކާއެކު ރާއްޖޭގެ އިގުތިސާދު އަދިވެސް ކޮޅަށް ނުޖެހިގެން އުޅޭއިރު، މިއަދު ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރަމަށް ވެސް އޮތް އެންމެ ބޮޑު ހުރަހަކަށްވަނީ ބިދޭސީންނެވެ. އެތައް މިލިއަން ޑޮލަރެއް އެމީހުން ރާއްޖެއިން މިދަނީ ބޭރުކުރަމުންނެވެ. ގަވައިދާ ހިލާފަށް އުޅޭ މީހުން ނުލައި މިހާރު ތަފާސްހިސާބުތަކުން ދައްކާ 94000 ބިދޭސީންގެ ތެރެއިން ކޮންމެ މީހަކު 100 ޑޮަލަރު އެމީހުންގެ އާއިލާތަކަށް ފޮނުވާކަމަށް ބަލާނަމަ، މަހެއްގެ މައްޗަށް އެބޭރުވަނީ 9.4 މިލިއަން ޑޮލަރެވެ. ރާއްޖެއިން ބޭރުވެގެންދާ އާމްދަނީ އެވެ.
ފާހަގަކުރަން ޖެހެނީ އެމީހުންގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތައް އެކަންޏެއް ނޫނެވެ. އެބިދޭސީންގެ ހާލު ވެސް ވަކި ރަނގަޅެއް ނޫނެވެ. ހިއުމަން ޓްރެފިކިން ރާއްޖޭގައިވެސް ވަނީ ފެތުރިފަ އެވެ. ފަސް ފޫޓު ދިހަ ފޫޓު ހަމަނުވާ ގުދަންތަކުގައި 10، 15، ނުވަތަ 20 ބިދޭސީން ގެންގުޅެނީ އެމީހުންގެ ހައްގުތަކަށް ވިސްލާނުލެއް ނެތި އެވެ. ގަވައިދާ ހިލާފަށް އެތެރެކޮށް، ޕާސްޕޯޓާއި ލިޔެކިޔުންތައް އަތުލުމަށްފަހު ބިދޭސީން ބްލެކް މެއިލްކުރާ މައްސަލަވެސް އަލެއް ނޫނެވެ.
ބިދޭސީންގެ މައްސަލަ ގައުމީ ބޮޑު މައްސަލައަކަށްވެފައިވާއިރު އެކަން ހައްލުނުކުރެވެންވީ ނުވަތަ ކުރަން ބޭނުންވާ ސަބަބެއް ނޭގެ އެވެ. ފަހަރުގައި ބިދޭސީން އެތެރެކުރުމުގެ ވިޔަފާރިން ލިބޭ އާމްދަނީ ސަޅީ އެވެ. އެއިން މުއައްސަސާތަކުގެ ތިއްބަވާ ބޭފުޅުންނަށް ސަޅި ކަޓެއް ލިބެނީ އެވެ. މިފަދަ ސަބަބުތައް ގިނަ އެވެ. އެހެންނަމަވެސް، ރާއްޖޭގައި މިއަދު ކޮންޓްރޯލެއް ނެތި އިތުރުވަމުންދާ ބިދޭސީންގެ އަދަދު ކޮންޓްރޯލް ނުވެއްޖެ ނަމަ މީގެ ސަބަބުން ކުރިމަތިވާނެ "މުސީބާތާ"މެދު ވިސްނާލުން މުހިންމެވެ.