ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ މިއަހަރު ޖޫން މަހު އަލަށް ގުޅުނު ދަރިވަރުންގެ ތެރެއިން 24 ދަރިވަރަކަށް ސްކޯލޮޝިޕް ފުރުސަތު ދީފި އެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްކޯލޮޝިޕް ދީފައިވަނީ ޓިއުޝަން ފީ ހިލޭ ކޮށްދޭ އަންޑާގުރެޖުއޭޓް 20 ސްކޯލޮޝިޕަކާއި ފުލް ފަންޑިން ސްކޮލޮޝިޕްގެ ދަށުން އަންޑާގުރެޖުއޭޓް އަށް ކިޔެވުމުގެ ދެ ސްކޯލޮޝިޕް ފުރުސަތަކާއި ޕޯސްޓްގުރެޖުއޭޓް އަށް ކިޔެވުމުގެ ދެ ފުރުސަތެކެވެ.

އެމްއެންޔޫ ދަރިވަރުންނަށް ދޭ އެ ސްކޯލޮޝިޕް ފުރުސަތުތަކަކީ އެކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ދަރިވަރުންގެ ތެރެއިން އެ ޔުނިވާސިޓީއަށް ވަންނަ، ތައުލީމީ ގޮތުން އެންމެ މޮޅު ދަރިވަރުންނަށް ކޮންމެ އަހަރަވެސް ޔުނިވާސިޓީން ދެމުން އަންނަ ފުރުސަތުތަކެކެވެ.

އެގޮތުން، ޓިއުޝަން ފީ ހިލޭ ކޮށްދޭ އަންޑާ ގްރެޖުއޭޓް ސްކޯލޮޝިޕް ތަކަށް 46 ދަރިވަރަކު ކުރިމަތިލިއިރު، ފުލް ފަންޑިން އަންޑާ ގްރެޖުއޭޓް ސްކޯލޮޝިޕަށް އެދި 18 ދަރިވަރަކު ކުރިމަތިލި އެވެ. އަދި ފުލް ފަންޑިން ޕޯސްޓް ގްރެޖުއޭޓް ސްކޯލޮޝިޕް ފުރުސަތަށް ހަ ދަރިވަރަކު ކުރިމަތިލި އެވެ.

ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އައިޝަތު ޝާހީން ވިދާޅުވީ، މިއަހަރުގެ ދެވަނަ ޓާމު ދަރިވަރުންނަށް ދޭ ސްކޮލޮޝިޕް ދިނުން ލަސްވި ނަމަވެސް، ސްކޯލޮޝިޕް ލިބުނު ދަރިވަރުން ޔުނިވާސިޓީއަށް ދައްކާފައިވާ ފައިސާ އަނބުރާ ދޭނެ ކަމަށެވެ.