ވިއެޓްނާމުގައި ކުރިއަށްދާ ފަސް ވަނަ އޭޝިއަން ބީޗް ގޭމްސްގެ އަންހެނުންގެ ބީޗް ވޮލީބޯޅައިގެ 'ޕޫލް އޭ'ގައި އީސްޓް ޓިމޯގެ ޕެއާ އަތުން މޮޅުވެ، ރާއްޖޭގެ އައިޝަތު ޝައްފަ އާއި އައިމިނަތު އަރީޝާ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މިއަދު ކުޅުނު އަންހެނުންގެ ބީޗް ވޮލީ އިވެންޓުގައި އީސްޓް ޓިމޯގެ އެސްޓެލާ އާއި އަލިސިނާގެ ޕެއާ އަތުން ރާއްޖޭގެ ޝައްފަ އާއި އަރީޝާގެ ޕެއާ މޮޅުވެފައިވަނީ ސީދާ ދެ ސެޓުންނެވެ.

އީސްޓް ޓިމޯގެ އެސްޓެލާ އާއި އަލިސިނާގެ ޕެއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓު ޝައްފަ އާއި އަރީޝާ 22-20 އިން ގެންދިޔަ އިރު، ދެ ވަނަ ސެޓު ގެންގޮސްފައިވަނީ 21-16 އިންނެވެ.

އަންހެނުންގެ ބީޗް ވޮލީގެ 'ޕޫލް ބީ'ގައި ކޮރެއާގެ ބޯރާ އާއި އެއޮންހީގެ ޕެއާ އަތުން ރާއްޖޭގެ އައިޝަތު މާޖިދާ އާއި ހައްވާ ރާޝިދާގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ބަލިވެފައެވެ. އެ މެޗުގެ ސެޓުތައް ކޮރެއާގެ ޕެއާ ގެންގޮސްފައިވަނީ 21-12 އަދި 21-13 އިންނެވެ.

ފިރިހެނުންގެ ބީޗް ވޮލީގެ ދެ ވަނަ ބުރުގައި ހޮންކޮންގެ ވޮންގް އާއި ކެލްވިންގެ ޕެއާ އަތުން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދާއި އަނިލް ނަސީރުގެ ޕެއާ ބަލިވެފައިވަނީ ސީދާ ދެ ސެޓުންނެވެ. އެ މެޗުގެ ސެޓްތައް ހޮންކޮންގެ ޕެއާ ގެންގޮސްފައިވަނީ 23-21 އަދި 21-14 އިންނެވެ.

އޭޝިއަން ބީޗް ގޭމްސްގައި މިހާތަނަށް އެންމެ ގިނަ މެޑަލް ހޯދާފައިވަނީ މުބާރާތް ބާއްވާ ގައުމު ކަމަށް ވިއެޓްނާމުންނެވެ. އެ ގައުމުން ވަނީ 24 ރަން މެޑެއްޔާއި، 21 ރިހި މެޑެލް އަދި 27 ލޯ މެޑެލް ހޯދައިފައެވެ.