ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން އުފެއްދުމަށް ލާޒިމުކުރާ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލަށް ކުރިމަތިލުމުމުގެ ފުރުސަތު ފަސްވަނަ ފަހަރަށް ހުޅުވާލައިފި އެވެ.

އޭގެއިތުރުން ހަމަ އެ ގާނޫނުގެ ދަށުން އުފެއްދުމަށް ލާޒިމުކޮށްފައިވާ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހެލްތު މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ.

ހެލްތު މިނިސްޓްރީން މިއަދު ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ނާސިން އެންޑް މިޑްވައިފަރީ ކައުންސިލަށް ކުރިމަތިލުމަށް މިދިޔަ މަހުގެ ތެރޭގައި ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގައި ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޓަކައި ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދިނުމުގެ ޝަރުޠުތައް ކަނޑައެޅުން ކަމަށެވެ. ހަމައެއާ އެކު ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި ދިވެހި ރާއްޖޭގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތަޢުލީމީ ފާސް ޤަބޫލުކުރާނެ މިންގަނޑުތައް ކަނޑައެޅުމަކީ ވެސް އެ ކައުންސިލުގެ ޒިންމާ އެކެވެ.

ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އެކައުންސިލުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ މަސްއޫލިއްޔަތަކީ ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރަތްކުރަން ޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަން ޖެހޭ ލިޔުންތައް ދިރާސާކުރުމާއި ތައްޔާރުކުރަން ޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމެވެ.

ގާނޫނުގައި ބުނެފައި ވަނީ މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަން ޖެހޭ އަހުލާގީ އަދި ސުލޫކީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުމަކީ ވެސް އެކައުންސިލުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނީ ކައުންސިލު މެމްބަރުކަމަށް ކުރިމަތިލައްވާ ފަރާތްތަކަށް މާކުސް ދިނުމުގައި ތައުލީމީ ތަޖުރިބާ އަދި މަސައްކަތު ތަޖުރިބާއަށް ބަލާނެ ކަމަށެވެ. އެގޮތުން ހުށަހަޅާ ތައުލީމީ ސެޓުފިކެޓުތަކުގެ ތެރެއިން މާކުސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓުފިކެޓަށް އެކަނި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ނާސިން އެންޑު މިޑްވައިފަރީ ކައުންސިލާއި އެލައިޑް ހެލްތު ކައުންސިލަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 13ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން އެ މިނިސްޓްރީއަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދޭ ކަމަށެވެ.