ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ހާލަތު ދެނެގަތުމުގެ ގޮތުން އެޕާޓީގެ ކޮމެޓީތަކާއި ގޮފިތަކުގެ ރައީސުންނަށް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފޮނުވި ސިޓީގެ ޖަވާބު ސުލޫކީ ކޮމެޓީ ފިޔަވާ އެހެން ހުރިހާ ކޮމެޓީއަކުން ވެސް ފޮނުވާފައިވާ ކަމަށް އެޕާޓީން ބުނެފި އެވެ.

ޕީޕީއެމްގެ ރަސްމީ ޓުވީޓާ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކޮމެޓީތަކުގެ ހާލަތު ދެނެގަތުމަށް ބޭނުންވާ މައުލޫމާތުތައް ސުލޫކީ ކޮމެޓީ ފިޔަވާ އެހެން ހުރިހާ ކޮމެޓީއަކުން ވެސް އެޕާޓީގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ޕާޓީގެ ރައީސް ޕާޓީ އިސްލާހު ކުރުމަށް ފަށާފައިވާ ޕްރޮގުރާމަށް ކޮމެޓީތަކުން މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ޕާޓީ އިސްލާހު ކުރުމަށް ޕާޓީގެ ރައީސް އެކުލަވައިލާފައިވާ ޓައިމް ލައިނަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ކޮމެޓީތަކުން ދީފައިވާ ކަމަށެވެ.

ކޮމެޓީތަކުގެ ހާލަތު ބަޔާންކޮށް ޕީޕީއެމްގެ އޮފީހަށް ކޮމެޓީތަކުން މައުލޫމާތުތައް ފޮނުވާފައިވާއިރު ޕީޕީއެމްގެ އިންތިހާބާ ބެހޭ ކޮމެޓީއާ އިސްތިއުނާފު ކޮމެޓީން ފޮނުވި މައުލޫމާތުތަކުގައި ވަނީ އެއިން ކޮންމެ ކޮމެޓީއެއްގައިވެސް ދެ މެމްބަރަކު މަދު ކަމަށެވެ.

ޕީޕީއެމްގެ ޔޫތު ވިންގުން ފޮނުވާފައިވާ މައުލޫމާތުގައި ބުނެފައި ވަނީ އެ ކޮމެޓީއަށް ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި އެހެންކަމުން ބައެއް ހަރަކާތްތައް ބާއްވަން ދަތިވެފައިވާ ކަމަށެވެ. މީޑިއާ ކޮމެޓީން ފޮނުވާފައިވާ މައުލޫމާތުގައި ބުނެފައި ވަނީ އެ ކޮމެޓީގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވޭ ކަމަށެވެ. ސަބަބެއް ކަމަށް އެ ކޮމެޓީން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ޕާޓީގެ ބައެއް އިސް ފަރާތްތަކުން ޕާޓީގެ ގަވާއިދާ ހިލާފަށް ކަންތައް ކުރަމުން ދާތީ ކަމަށެވެ.