06 Jun 2011, 07:43
ސަންޢާ : ޔަމަނުގެ ރިޔާސީ ގަނޑުވަރަށް ދިން ރޮކެޓް ޙަމަލާއެއްގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ސަޢޫދީ އަރަބިޔާއަށް ވަޑައިގެން އުޅުއްވާ ޔަމަނުގެ ރައީސް އަލީ ޢަބްދުﷲ ސާލިޙް ދެން އެނބުރި ޤައުމަށް ވަޑައިނުގަންނަވާނެ ކަމަށް ޔަމަންގެ ބައެއް ފަރާތްތަކުން ބުނެފިއެވެ.
ޔަމަންގެ އިތުބާރުހުރި ސިޔާސީ ބައެއް ފަރާތްތަކާ ޙަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި ރައީސް ސާލިޙް އެނބުރި ޔަމަނަށް ވަޑައިނުގަންނަވާނެ ކަމަށް ބެލެވޭ އެއް ސަބަބަކީ އޭނާގެ ޢާއިލާގެ ހުރިހާ މެންބަރުންނާއި އޭނާގެ ސަރުކާރުގައި ހިމެނޭ އެންމެ އަރިސް ފަރާތްތައް ސާލިޙުގެ އަރިހުގައި ސަޢޫދީ އަރަބިޔާއަށް ގެންދެވުމެވެ.
އަނެއް ސަބަބަކީ ޔަމަންގެ ދަސްތޫރާ އެއްގޮތްވާ ގޮތުގެ މަތިން ޤައުމުގެ ވެރިކަން ނައިބު ރައީސް އާ ޙަވާލުކުރެއްވުމަށްފަހު ސާލިޙް ޤައުމު ދޫކުރައްވައި ސަޢޫދީ އަރަބިޔާއަށް ވަޑައިގަތުމެވެ.
ސަޢޫދީ ސިއްހީ ދާއިރާއިން ބުނިގޮތުގައި ރައީސް ސާލިޙުގެ ހަށިކޮޅުގެ ބައެއް ތަންތަނަށްވަނީ ރޮކެޓްގެ އެތިކޮޅުތައް ވަރަށް ފުނަށްވަދެ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. އެތަކެތި ނެގުމަށްޓަކައި ސާލިހުގެ މެމައްޗާއި މޫނުވަނީ އޮޕަރޭޝަން ކުރެވިފައެވެ.
ސައޫދީ އަރަބިޔާއިން ފަރުވާ ހޯއްދެވުމަށްފަހު ދެތިން ދުވަހެއްގެ ތެރޭގައި ސާލިޙް އެނބުރި ޤައުމަށް ވަޑައިގަންނަވާނެ ކަމަށް ޔަމަން ސަރުކާރުން ކުރިން ބުނިނަމަވެސް މިހާރު ބުނަމުން ގެންދަނީ އޮޕަރޭޝަނަށްފަހު އަރާމު ކުރެއްވުމަށްޓަކައި ދެހަފްތާއެއްހާ ދުވަހު ސައޫދީގައި ސާލިޙް މަޑުކުރައްވާނެ ކަމުގައެވެ.
މިއީވެސް ދެން ސާލިޙް އެނބުރި ޤައުމަށް ވަޑައިނުގަންނަވާނެކަން ހާމަކޮށްދޭ ކަމެއް ގެ ގޮތުގައި ޔަމަންގެ އިދިކޮޅު ފަރާތްތަކުން ފާހަގަކުރާ ކަމެކެވެ.
ސާލިހްގެ ވެރިކަން ވައްޓާލުމަށް ޓަކައި ޔަމަންގެ ރައްޔިތުން ސުލްޙަވެރިކަމާއެކު މުޒާހަރާ ކުރަމުން ގެންދާތާ މިހާރު ފަސްމަސް ވާން ކައިރިވެފައިވާއިރު މުޒާހަރާތަކާ ދެކޮޅަށް ސާލިހް، ބާރުގެ ބޭނުން ކުރެއްވުމުން އާންމުންގެ އެތަށް ސަތޭކަ ބަޔަކު މަރުވެފައިވެއެވެ. -- ނޫސް އެޖެންސީތައް