ރާއްޖޭގެ ހުރިހާ ރަށަކަށާއި މާލޭ ސިޓީގެ އަވަށްތަކަށް ހުޅުވާލައިގެން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ގޯލްޑަން ފުޓްސަލް ޗެލެންޖް"ގެ މެއިން ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖައްސައިފި އެވެ.

އެ މުބާރާތުގެ މެއިން ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖެއްސުމަށްޓަކައި އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެއިން ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖެއްސުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 17 ވަނަ ދުވަހު --- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

އެއްބަސްވުމުގައި ސޮއިކުރުމަށް ސޮނީ ސްޕޯޓްސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސޮނީ ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ ސޭލްސް އެންޑް މާކެޓިން ފާރިޝް ޒުހައިރެވެ. އަދި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ އެވެ.

މެއިން ސްޕޮންސަރގެ އިތުރުން ސްޕޯޓްސް ޕާޓްނަރަކަށް ވެސް ސޮނީ ސްޕޯޓްސް ހަމަޖައްސާފައިވާ އިރު މުބާރާތުގައި ބޭނުންކުރާ 'ނައިކީ' ބްރޭންޑްގެ ބޯޅަ ވެސް ސްޕޮންސަރ ކޮށްފައިވަނީ ސޮނީ ސްޕޯޓްސް އިންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެއިން ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖެއްސުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 17 ވަނަ ދުވަހު --- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މުބާރާތް އިންތިޒާމްކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން 'ސަން'އަށް ވިދާޅުވީ، މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި ސްޕޮންސަރުންނަކީ ބޮޑު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެގޮތުން މުބާރާތުގެ ސްޕޮންސަރަކަށް ވުމަށް އެދޭ ކޮންމެ ފަރާތަކަށް ވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ސްޕޮންސަރަކަށް ވުމަށް އެދޭ ފަރާތްތަކުން 9994470 އަށް ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މުބާރާތުގައި ގިނަ ޓީމުތަކެއް ބައިވެރިވެފައިވާ އިރު، އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.