ބައެއް ދިވެހިން އިސްވެ ތިބެ ހިންގާ ނެގެޓިވް ކެމްޕޭންތަކުގެ ސަބަބުން، ރާއްޖެއަށް ފަތުރުވެރީން އަންނާނެކަމަށް ލަފާ ކުރާވަރުގެ ކުރިއެރުންތަކެއް ނުލިބޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ސަންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، އިދިކޮޅު ކެމްޕޭންތަކުގެ އަސަރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާ ކަމަށާއި އެގޮތުން ފަތުރުވެރީން އަންނާނެ ކަމަށް ލަފާކުރާވަރުގެ ކުރިއެރުންތައް ނާންނަ ކަމަށެވެ.

މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ކުރިން ލަފާކުރި ނަމަވެސް ދިމާވި ގޮންޖެހުންތަކާއެކު މިހާރު އަމާޒުކުރަނީ 1.4 މިލިއަން ފަތުރުވެރީން ރާއްޖެ އަންނާނެ ކަމަށެވެ.

"ޓޫރިޒަމް އެރައިވަލްގައި އެބަހުރި ޗެލެންޖުތަކެއް. އަޅުގަނޑުމެން އެންޓިސިޕޭޓްކުރާވަރުގެ ގްރޯތެއް ނާދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

"އަލްޖަޒީރާގެ ރިޕޯޓަށްވުރެވެސް ނުރައްކާ ރާއްޖެއަކީ ޓެރަރިސްޓް ގައުމެކޭ ބުނެ ދައްކާ ވާހަކައިން ލިބޭ ގެއްލުން،"

އެންޓި ކެމްޕޭން ކުރާއިރު އެކަމުން އަރައިގަތުމަށް މާކެޓިން ފުޅާކޮށް ކުރާ ހަރަދު އިތުރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހަގީގަތަކީ އަޅުގަނޑުމެން މާކެޓިންއަށް ކުރަންޖެހޭ ހޭދަތައް ބޮޑުވެގެން ދިއުން. ހާއްސަކޮށް ކޮންސަލްޓަންޓުން ހަޔާކޮށްގެން، އެހެން ނޫނީ އާންމުކޮށް ފަހަކާއި ޖެހެންދެން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށްފައިވަނީ ފެއާތަކަށް ގޮސްގެން އެކަނި. އެކަމަކު މިހާރު ކޮންސަލްޓަންޓުން ބައިތިއްބައިގެން އަޅުގަނޑުމެންނާ ދެކޮޅަށް ކުރާ ކަންކަމަށް ރައްދު ބުނެދެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި ރާއްޖެއަކީ އައިއެސް ޖަމާއަތުގެ މީހުން އުޅޭ ގައުމެއް ކަމަށާއި މިގައުމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާކަމަށް ދިވެހިން އިސްވެތިބެ ބައިނަލްއަގުވާމީ މީޑިއާތަކުގައި ދަނީ އަޑުފަތުރަމުންނެވެ.