28 Sep 2016, 14:31
އިންޑިއާގެ ހައިދުރައާބާދުގެ އަވަށެއް ކަމަށްވާ ސަންތޯޝް ނަގަރުގައި ސިހުރު ހަދަމުން ދިޔަ 16 މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ސިހުރު ހަދަމުންދާ ކަމުގެ ތުހުމަތުގައާއި މީސް މީހުންގެ އެދުމަށް، އެމީހުން އަތުން ގިނަ އަދަދަކަށް ފައިސާ ނަގައިގެން، މާ މޮޅު ބާރުތަކެއް ލިބިފައިވާ ކަމަށް ދައުވާކޮށް ސިހުރު ހަދަމުންދާތީ އެވެ.
ސަންތޯޝް ނަގަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު، ސިހުރު ހަދައިދީގެން 35 ލައްކަ ރުޕީސް ހޯދާފައިވާ ކަމަށް ހައިދުރައާބާދުގެ ދެކުނު ސަރަހައްދުގެ ޕޮލިސް ކޮމިޝަނަރު، ސަތިޔަނާރާޔަނައާ ހަވާލާދީ މީޑީއާ ރިޕޯޓުތައް ބުނެއެވެ.
ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ބައެއް ރޫހާނީ މައްސަލަތައް ހައްލު ކުރުމަށް ކަމަށް ބުނެ ގިނަ ބަޔަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާވެސް ކޮށްފައެވެ. އޭގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. (އިންޑިއާ ޓައިމްސް)