ވޮޝިންޓަން(ސެޕްޓެމްބަރު 28): ސީރިއާގެ ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް 364 މިލިއަން ޑޮލަރުގެ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެމެރިކާއިން ވައުދުވެއްޖެ އެވެ.

އެ ފަންޑުގެ ސަބަބުން ސީރިއާއަށް ކާނާއާއި، ސާފު ފެނާއި، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ޔޫއެން ފަދަ ޗެރިޓީތަކަށް ފަސޭހަވެގެން ދާނެ ކަމަށް އޮފިޝަލުން ބުންޏެވެ.

އެމެރިކާއިން ސީރިއާއަށް ދޭން މިފަހަރު ނިންމާފައިވާ ފައިސާއާއެކު އެގައުމުން ސީރިއާއަށް ފޯރުކޮށްދިން އިންސާނީ އެހީގެ ޖުމްލަ އަދަދު 5.9 ބިލިއަނަށް އަރާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުންޏެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަނުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ސީރިއާގެ ހަލަބުގެ މެދު ތެރޭ ސަރަހައްދުގައި ސަރުކާރުގެ ފައުޖުތަކާއި އިދިކޮޅު ފަރާތްތަކުން ހަމަލާ ބަދަލުކުރުންތައް އިތުރު ކުރުމުގެ ސަބަބުން މަރުވަމުންދާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.

ނަމަވެސް އެ ސަރަހައްދުގައި މިހާރު ތިބީ އެންމެ 35 ޑޮކްޓަރުން ކަމަށާއި ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ އާލަތްތަކާއި ލޭ އެކަށީގެންވާ ވަރަށް ނެތް ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

އެމެރިކާ އާއި ރަޝިއާ މެދުވެރިވެގެން ސީރިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ހަދާފައި އޮތް އެއްބަސްވުން މިދިޔަ ބުރާސްފަތި ދުވަހު ނިމުމަކަށް އައުމުން ސީރިއާގައި އަނެއްކާވެސް ހަމަލާތައް ފެށި، މަރުވި މީހުންގެ އަދަދު 248 އަށް އަރާފައިވާ ކަމަށް ސީރިއާ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެއެވެ. (ބީބީސީ)