ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހަ ވަނަ އަހަރީ ދުވަހާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

އެލްޖީއޭގެ އިޖްތިމާއީ ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ އެ ޕްރޮގްރާމް މިއަދު ހަވީރު 6:00 އަށް ކުރިއަށްދާ އެ ހަރަކާތް ފައްޓަވައިދެއްވީ އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް ޝަމްއޫން އާދަމެވެ. އަދި ހަރަކާތުގައި އެލްޖީއޭގެ ބޯޑު މެމްބަރުންނާއި ހުރިހާ މުވައްޒަފުން ވެސް ބައިވެރިވާ ކަމަށް އެ ފަރާތުން މައުލޫމާތުދެ އެވެ.

އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި އަންނަ ހުކުރު ދުވަހު ކުޑަކުދިންގެ ހަވީރެއް ބާއްވަން ހަމަޖެހިފައިވާއިރު، އަހަރީ ދުވަހުގެ ހާއްސަ ހަފުލާ އޮންނާނީ މާދަމާ ރޭ އެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ 2010 ވަނައަހަރުގެ އޮގަސްޓް 04 ވަނަދުވަހު އުފައްދަވާފައިވާ ގައުމީ މުއައްސަސާއެކެވެ.