މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް (އެމްއައިއެފް) 2016ގެ ޕްލެޓިނަމް ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފިއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ނައިބް އާދަމް ތައުފީގު އެއްބަސްވުމުގައި ސޮއިކުރެއްވިއިރު އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރުއެވެ.

ޝަހީރު ވިދާޅުވީ، އެ ފޯރަމްތަކަކީ ވަރަށް ކާމިޔާބު ފޯރަމެއް ކަމަށާއި އެފޯރަމްގެ ސަބަބުން ވިޔަފާރި ތަކާއި ގުޅުން ބަދަހި ވާނެ ކަމަށެވެ.

މިފަހަރު ފޯރަމް އިންޑިއާގެ ނިއުދިއްލީގައި ބޭއްވުމަށް ނިންމާފައިވާއިރު އެގައުމަކީ ރާއްޖެއަށް ތަފާތު އިސްވެސްޓްމަންޓުކޮށް އަދި ތަފާތު ވިޔަފާރި ކުރާ ގައުމެއްކަން ފާހަގަކުރެއްވިއެވެ.

އެމްއައިއެފްގެ ޕާޓްނަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ތިންވަނަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 21 އަދި 22 ވަނަ ދުވަހު ނިއު ދިއްލީގައެވެ.

އެ ފޯރަމްގައި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ތިން ކެޓަގަރީއަކުން ހުޅުވާލާފައިވެ އެވެ. އެ ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ ޕްލެޓިނަމް، ގޯލްޑް އަދި ސިލްވާ އެވެ. ޕްލެޓިނަމް ކެޓަގަރީ ބައިވެރިވުމަށް 35000 ޑޮލަރު ދައްކަން ޖެހޭއިރު ގޯލްޑް ކެޓަގަރީ ބައިވެރިވެވޭނީ 25000 ޑޮލަރު ދައްކައިގެންނެވެ. ސިލްވާ ކެޓަގަރީގައި ބައިވެރިވުމަށް ދައްކަން ޖެހެނީ 15000 ޑޮލަރެވެ.

މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމަކީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް ސަރުކާރުން ބާއްވަމުން އަންނަ ފޯރަމެކެވެ.