މިމަހު ކުރީކޮޅު ގ. އެސްބަރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާއަށް ބަދަލުކުރި މީހުންގެ ތެރެއިން ހަ މީހަކު އަދިވެސް، އެތަނުގައި ތިބީ އެހީ ހަމަނުޖެހިގެން އެމީހުންގެ ގެތައް މަރާމާތު ނުކުރެވޭތީ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުގެ ޑިރެކްޓަރު ހިސާން ހަސަން "ސަން"އަށް މިއަދު ވިދާޅުވީ، އެމީހުންގެ ގެތައް މަރާމާތު ކުރެވެން އޮތީ އެހީތެރިކަން ހަމަޖެހިގެން ކަމަށެވެ.

"އަލިފާނުގެ ހާދިސާގައި ގެ ވަނީ ހަލާކުވެފައި. އެތަންތަނަކަށް އެމީހުންނަކަށް ނުވެއްވަދެވޭނެ މަރާމާތު ނުކޮށް. އެހެންވީމަ ދާއިމީ އެހީތެރިކަން ވަކިގޮތަކަށް ހަމަޖެހުނުހާ އަވަހަކަށް އެމީހުން ބަދަލުކުރެވޭނީ،" ހިސާން ވިދާޅުވިއެވެ.

އެހީތެރިކަން ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދިޔަ ނަމަވެސް އެހީ ހަމަޖެހޭނެ ވަކި ދުވަހެއް އަދި ނޭނގެއެވެ.

އެ ހާދިސާގައި 21 މީހަކު ވަގުތީ ހިޔާއަށް ބަދަލުކުރިއިރު މިހާރު ތިބީ ހަ މީހުންނެވެ. އެހެން މީހުން ވަނީ ގެތައް މަރާމާތުކޮށް ގެތަކަށް ބަދަލުވެފައެވެ. ދެ އާއިލާއަކަށް ނިސްބަތްވާ އެ ހަ މީހުން ތިބީ މާލޭގެ ގެސްޓް ހައުސްއެއްގައެވެ. ކެއުމާއި ބުއިންފަދަ ކަންކަން ޑިޒާސްޓާއިން ހަމަޖައްސައިދެއެވެ.

ދުވަސްވީ އެ އިމާރާތުގައި 13 ބަޔެއް ހުންނައިރު އަލިފާޏުގެ ސަބަބުން އެކިބައިތަކަށް ވަނީ އެކިވަރުގެ ގެއްލުންތައްވެފައެވެ.

އެސްބަރީގައި ކަރަންޓް ޝޯޓެއް ވެގެން ހިނގި ކަމަށް ބެލެވޭ އެ ހާދިސާގައި ގ. އަސޭނާ އާއި، ގ. މެމޯރީ ވިލާއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.