28 Sep 2016, 12:12
ނިއު ދިއްލީ(ސެޕްޓެމްބަރު 28): ދެކުނު އޭޝިއާގެ ގައުމުތައް ތަމްސީލު ކުރާ ޖަމިއްޔާ ކަމަށްވާ ސާކްގެ މިފަހަރުގެ ބައްދަލުވުމުގައި އިންޑިއާއިން ބައިވެރިނުވާނެ ކަމަށް ބުނި ފަހުން، ބަންގުލަދޭޝް އާއި އަފްޣާނިސްތާނާއި ބޫޓާނުންވެސް ސާކް ސަމިޓުގައި ބައިވެރި ނުވާން ނިންމައިފި ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި އެވެ.
އިންޑިއާއިން މިފަހަރުގެ ސާކް ސަމިޓުގައި ބައިވެރި ނުވާން ނިންމީ "ބޯޑަރު ހުރަސްކޮށް އިންޑިއާއަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތަކުގެ" ސަބަބުން ކަމަށް އެގައުމުން ބުނެއެވެ.
ސާކް ސަމިޓު މިފަހަރު ބާއްވަން ހަމަޖައްސާފައި އޮތީ ޕާކިސްތާނުގައެވެ. ސާކްގެ އަށް މެމްބަރުންގެ ތެރެއިން އެންމެ މެމްބަރަކުވެސް ސަމިޓުގައި ބައިވެރިވާން ދެކޮޅު ހަދައިފި ނަމަ ސާކް ސަމިޓު ނުބޭއްވޭނެ އެވެ.
ސާކް ސަމިޓުގައި ބައިވެރި ނުވެވޭނެ ކަމަށް ބުނަމުން ސާކްގެ ޗެއާ ކަމަށްވާ ނޭޕާލްއަށް ބަންގުލަދޭޝްއިން ފޮނުވި ސިޓީގައިވާ ގޮތުން އެގައުމުން ސަމިޓުގައި ބައިވެރި ނުވާން ނިންމާފައި ވަނީ "ވަކި ގައުމަކުން ބަންގުލަދޭޝްގެ ދާހިލީ ކަންތަކުގެ ތެރެއަށް ވަންނަމުން ދިޔުމުގެ ސަބަބުން ކާމިޔާބު ކަމާއެކު ސާކް ސަމިޓު ބޭއްވޭނެ މާހައުލެއް" މިވަގުތު ނެތުމުންނެވެ.
އަދި ބޫޓާނާއި އަފްޣާނިސްތާނުން ވަނީ ޓެރަރިޒަމްގެ ސަބަބުން އޭޝިއާ ސަރަހައްދުގައި ތަޅާ ފޮޅުން އިތުރުވެފައި ވުމުން ސާކް ސަމިޓަށް ހާޒިރު ނުވެވޭނެ ކަމަށް ބުނެފައެވެ.
ކަޝްމީރުގައި އިންޑިއާއިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް މިމަހުގެ 18 ވަނަ ދުވަހު ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 19 ސިފައިން މަރާލާފައިވެ އެވެ. އިންޑިއާއިން ބުނާ ގޮތުގައި އެހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާނެވެ. އަދި އިންޑިއާއިން ދަނީ ދުނިޔޭގެ އެހެން ގައުމުތަކުން ޕާކިސްތާނު އެކަހެރި ކުރުމަށް ގޮވާލަމުންނެވެ. (އޭއެންއައި)