28 Sep 2016, 14:24
ރާއްޖޭން އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން މަޝްހޫރު ބޫޓު ކުންފުނި "އެޑިޑާސް" އިން ހެދި ތިމާވެއްޓާ ރައްޓެހި ބޫޓުގެ އެއް މިލިއަން ބޫޓު އަންނަ އަހަރު ނިމުމުކުރިން ވިއްކަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެޑިޑާސް އާއި ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ "ޕާލޭ ފޮ ދަ އޯޝަން" އާ ގުޅިގެން ތިމާވެއްޓާ ރައްޓެހި ބޫޓެއް ހަދަން ނިންމާފައިވާކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޖޫން މަހު ނިއު ޔޯކުގައި ބޭއްވި އދ. ގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމަށްފަހު 19 ގައުމަކުން ވަނީ އެޑިޑާސް އަދި ޕާލޭގެ އެ ޕްރޮޖެކްޓުގައި ބައިވެރިވެ އެހީތެރިވާނެ ކަމަށް ބުނެފައެވެ.
އެޑިޑާސް ގްރޫޕްގެ އެގްޒެކެޓިވް ބޯޑް މެމްބަރެއް ކަމަށްވާ އެރިކް ލިޑްކާ ވިދާޅުވީ، މިއަދުގެ ޖީލަށާއި ކުރިއަށް އަންނަން އޮތް ޖީލުތަކުން ވެސް، ބޫޓެއް ގަންނައިރު، ދިރިއުޅެވޭނެ ރަގަނޅު ތަނަކަށް ދުނިޔެ ހަދަން ހިންގާ ޕްރޮޖެކްޓުތަކަށް ޝައުގުވެރިވާ ކަމަށެވެ.
އެހެންކަމުން ތިމާވެއްޓާ ރައްޓެހިކޮށް އެޑިޑާސް އިން އުފެއްދި ބޫޓު ނެރެން ތައްޔާރުވަމުންދަނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެޑިޑާސްއިން ތައްޔާރުކޮށްފައިވާ ބޫޓަކީ 'ޑީޕް ސީ ގިލް ނެޓުތަކެއް' ކަނޑުން ނަގައިގެން ތައްޔާރުކުރާ ބޫޓެކެވެ. ގިލް ނެޓު ބޭނުން ކޮށްގެން މަސްވެރިކަން ކުރުމަކީ ގާނޫނާ ހިލާފު އަމަލަކަށް ވާއިރު އެ ގޮތަށް މަސްވެރިކަން ކޮށްގެން ގިނަ ދާތަކެއް ވަނީ ކަނޑަށް އެޅިފައެވެ.
އެޑިޑާސް އިން ބުނާ ގޮތުގައި އެ ނެޓު ބޭނުން ކޮށްގެން ތައްޔާރުކުރާ ބޫޓުތަކުގެ އަރިމަތީގައާއި މަތީގައި ބޭނުން ކޮށްފައި ހުންނާނީ ގިލް ނެޓް އެވެ. އަދި ބޫޓުގެ ފޫ ތައްޔާރުކޮށްފައިވަނީ ސަސްޓެއިނެބަލް ކުޝަނިން މެޓީރިއަލް އިންނެވެ.
އެޑިޑާސް އިން މިދިޔަ އޮގަސްޓް މަހުވަނީ އޭގެ ބޫޓެއް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ވެސް އަރުވާފައެވެ. އަދި އެ ބައްދަލުވުމުގައި "ޕާލޭ"ގެ ފައުންޑިން މެންބަރު ސިރިލް ގުޝްސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ގޮނޑުދޮށްތަކުން ނަގާފައިވާ ފަސް މިލިޔަން ހަ ސަތޭކައަށްވުރެ ގިނަ ޕްލާސްޓިކް ފުޅި އެޑިޑާސް ކުންފުންޏަށް ސަރުކާރުން ވަނީ ފޮނުވާފައެވެ.