28 Sep 2016, 14:02
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ އދ. އަތޮޅު ބުރުގެ ފައިނަލަށް މަހިބަދޫ އާއި މަންދޫ ދަތުރުކޮށްފި އެވެ.
އދ. އަތޮޅުގެ ފައިނަލުން މަހިބަދޫ އާއި މަންދޫ ޖާގަ ހޯދާފައިވަނީ އެ ބުރުގެ އެއް ވަނަ އަދި ދެ ވަނަ ޓީމުގެ ގޮތުގައެވެ.
މަހިބަދޫ އާއި މަންދޫގެ އިތުރުން ދެން އދ. އަތޮޅު ބުރުގައި ވާދަކޮށްފައިވަނީ ފެންފުށްޓާއި، މާމިގިލި އަދި ކުނބުރުދޫ އެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ އދ. އަތޮޅު ބުރުގެ ފައިނަލުގައި މަހިބަދޫ އާއި މަންދޫ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. އެ ދުވަހުގެ ހަވީރު ކުޅޭ އެ މެޗު ކުރިއަށްދާނީ މަހިބަދޫ ފުޓްބޯޅަ ދަނޑުގައެވެ.
އދ. އަތޮޅުގެ ފައިނަލުން މޮޅުވެ، ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޒޯން ހަތަރެއްގެ ބުރުން ޖާގަ ލިބޭނެ އެވެ. އެ ބުރުގައި ވާދަކުރާނީ އދ. އަތޮޅުގެ ޗެމްޕިއަނުންނާއި ކ. އަތޮޅުގެ ޗެމްޕިއަނުންނެވެ. ހޯމް އެންޑް އަވޭ އުސޫލުން އެ ބުރު ކުރިއަށްދާ އިރު، ފުރަތަމަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ. އަދި ދެ ވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.