ގޯލާން : 1967 ވަނަ އަހަރުގެ ޢަރަބި އިސްރާއީލު ހަނގުރާމައިގާ އިސްރާއީލުން ހިފި ސޫރިޔާގެ ގޯލާންގެ ބިންތަކަށް ސުލްޙަވެރިކަމާއެކު ވަންނަން މަސައްކަތްކުރި ސޫރިޔާއާއި ފަލަސްތީނުގެ ޒުވާނުންތަކެއްގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި އޭގެ ތެރެއިން 14 ޒުވާނަކު މަރާލައި 225 ޒުވާނަކު ޒަޚަމްކޮށްލައިފި އެވެ.

މަންޒަރު ދުށްމީހުންނާ ޙަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި ސޫރިޔާއާއި ފަލަސްތީނުގެ ޒުވާނުން ތަކެއް ގޯލާންގެ ސަރަޙައްދަށް ވަންނަން މަސައްކަތްކުރީ 1967 ގެ ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުންނާއި ގޯލާންގެ ބިންތަކުން ފޭބުމަށް އިސްރާއީލުން ދެކޮޅު ހަދަމުން ގެންދާ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ ބޭނުމުގައެވެ.

ނަމަވެސް އެ ޒުވާނުން ސުލްޙަވެރިކަމާއެކު މުޒާހަރާކުރަމުންގޮސް ގޯލާނުގައި އިސްރާއީލުން ޖަހާފައިވާ ކަށިނަރުގެ ސަރަޙައްދާ އެމީހުން ގާތްވުމާއެކު އެސަރަޙައްދު ހިފައިގެންތިބި ޔަހޫދީ ސިފައިން، އެ ޒުވާނުންގެ ބޮލަށާއި މެޔަށާ އަދި ބަނޑަށް އޮޓަމެޓިކް ހަތިޔާރުން ހަމަލާ ދިނުމުން އެތަށް ސަތޭކަ ޒުވާނަކު ބިންމައްޗަށް ވެއްޓި އެތަނުގައި ލޭގެ ކޯރެއް އުފެދުނު ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.

ސޫރިޔާގެ ސިއްޙީ ދާއިރާއިން ހާމަކުރާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި 14 ޒުވާނުން ވަގުތުން މަރުވިއިރު 225 ޒުވާނަކުވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. ފަލަސްތީނުގެ ރައްޔިތުންނާއި ޢަރަބި އެހެން ޤައުމުތަކުން ގެންދަނީ 1967 ގެ ހަނގުރާމައިގެ ބޮޑު ކާރިޘާ އަށް 44 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެކި ޙަރަކާތްތައް ހިންގަމުންނެވެ. 1967 ގެ ހަނގުރާމައިގާ އިސްރާއީލުންވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން އުރުދުންގެ ބޮޑު ބިމަކާއި ސޫރިޔާގެ ގޯލާންގެ އުސްބިންތަކާއި މިސްރުގެ ސައިނާގެ ބޮޑުބައެއް ހިފާފައެވެ.

މިބިންތަކުގެ ތެރެއިން އިސްރާއީލު ފާބާފައިވަނީ ހަމައެކަނި ސައިނާގެ ބިމުންނާއި އުރުދުންގެ ކުޑަ ބިންކޮޅަކުންނެވެ. ހުޅަނގު އައްސޭރިއާއި ޣައްޒާއާއި ސޫރިޔާގެ ގޯލާންގެ ބިންތަކުން ފޭބުމަށް އިސްރާއީލު ގެންދަނީ ތަކުރާރުކޮށް ދެކޮޅު ހަދައި އދ. ގެ ޤަރާރުތަކަށް ގޮންޖަހަމުންނެވެ.

މީގެއިތުރުން ހުޅަނގު އައްސޭރިއާއި ޣައްޒާއާއި ގޯލާންގެ އުސްބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމަށްޓަކައި އިސްރާއީލު ގެންދަނީ ދުނިޔޭގެ އެކިޤައުމުތަކުން ޔަހޫދީން ގެނަސް އެތަންތަނުގައި ވަޒަންވެރިކުރުވުމުގެ ޣައިރު ޤާނޫނީ ޢަމަލުތަކެއްވެސް ފުޅާދާއިރާއެއްގައި ހިންގަމުންނެވެ. މިގޮތުން މިހާތަނަށް ހުޅަނގު އައްސޭރީގައި އިސްރާއީލުވަނީ ދެލައްކައަށްވުރެ ގިނަ ޔަހޫދީން ވަޒަންވެރި ކުރުވާފައެވެ.

މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހުވެސް އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ސުލްޙަވެރިކަމާއެކު ތެދުވި ފަލަސްތީނާއި ޢަރަބި ބައެއް ޤައުމުތަކުގެ ޒުވާނުންނަށް އިސްރާއީލުން ބަރުހަތިޔާރުން ޙަމަލާދީ 10 ޒުވާނަކު މަރާލައި އެތަށް ބަޔަކު ޒަޚަމްކޮށްލާފައިވެއެވެ.

އެތާރީޚުގައި ފަލަސްތީނުގެ ޒުވާނުންނާއި ޢަރަބި އެހެން ބައެއް ޤައުމުތަކުގެ ޒުވާނުން މަސައްކަތްކުރީ ދެކުނު ލުބްނާނާއި ގޯލާން އާއި ޣައްޒާގެ ގެތެރެއިން އިސްރާއީލުގެ ނަމުގައި މިހާރު ފާހަގަކުރެވޭ ފަލަސްތީނުގެ ސަރަޙައްދަށް ވަނުމަށެވެ.

އެމީހުންވެސް މަސައްކަތްކުރީ ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެކިޔާ ޔަހޫދީ ދައުލަތެއް ގަދަބާރުން އުފެއްދުމުން ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ބިމާއި ގެދޮރާއި ވަޒަން ގެއްލިގެންދިޔަ ބޮޑު މުސީބާތުގެ ދުވަސް ދުނިޔޭގެ ސަމާލު ކަމަށް ގެނައުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. -- ނޫސްއެޖެންސީތައް