28 Sep 2016, 12:06
މޯބައިލް އެޕްލިކޭޝަނާއި ސޮފްޓްވެއާ އުފެއްދުމުގެ މުބާރާތެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް އިއުލާން ކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މުބާރާތަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އިންޑަސްޓްރީ ކުރިއެރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން އެ ދާއިރާގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންނަށް އިތުރު ފުރުޞަތުތަކެއް ހޯދަދިނުމުގެ ގޮތުން މުޖުތަމަޢަށް ބޭނުންތެރި މޯބައިލް އެޕްލިކޭޝަނާއި، ސޮފްޓްވެއަރ އުފެއްދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.
މިމަހުގެ ހަވަނަ ދުވަހު ކުރި އިއުލާނުގެ މުއްދަތު ހަމަވެފައިވާއިރު، ބައިވެރިވުމަށް އެދި ރަޖިސްޓަރީ ކުރުމުގެ މުއްދަތު، ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތީން އެމިނިސްޓްރީން މިހާރު ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ 14:00 އަށް އިތުރުކޮށްފައެވެ.
މި މުބާރާތުގައި އެޕްލިކޭޝަންތަކާއި ސޮފްޓްވެއަރ ހެދުމަށް ހަމަޖެހިފައިވަނީ ފަސް ދާއިރާއަކުންނެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއެވެ. މީގެ އިތުރުން މި މުބާރާތުގައި "އޯޕަން ކެޓަގރީ" އެއްވެސް ހިމެނެއެވެ.
އެ އިއުލާނުގައި ވާ ގޮތުން މި ފަސް ދާއިރާއިން މުޖުތަމަޢަށް ބޭނުންތެރި މޯބައިލް އެޕްލިކޭޝަންތަކާއި، ސޮފްވެއަރތައް ބައިވެރިކުރާ ފަރާތްތަކުން، އެ ފަރާތްތަކުން ބައިވެރިކުރާ ސޮފްޓްވެއަރގެ ޕްރެޒެންޓޭޝަން ދިނުން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އާއި 18 ވަނަ ދުވަހު އެވެ.
މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު މި މުބާރާތާބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް ޕޭޕަރުން ލިބެން ހުންނާނެ ކަމަށްވެސް އިއުލާނުގައި ވެއެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އެ މިނިސްޓްރީގެވެބްސައިޓުން ލިބެންހުންނާނެ ކަމަށާއި ބައިވެރިވުމަށް އެދި ރެޖިސްޓްރޭޝަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން، އަލުން ރަޖިސްޓަރީވުމަށް އެދި ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.