28 Sep 2016, 10:59
ޔޫތު ޗެމްޕިއަންޝިޕްގައި ޓީސީ ސްޕޯޓްސް ކްލަބު މޮޅުވާން ދަނިކޮށް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ދެ ލަނޑު ޖަހައި ޓީސީ ހިފަހައްޓައިފި އެވެ.
ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ޓީސީ އާއި ޔޫވީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.
ޔޫވީ އަތުން އެއްވަރުވި ނަމަވެސް، ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައިގައި އަދިވެސް އޮތީ ޓީސީ އެވެ. ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ކްލަބު އީގަލްސް އަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އިއްޔެގެ މެޗުން ޕޮއިންޓެއް ހޯދި ޔޫވީ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ.
އިއްޔެ ކުޅުނު މެޗުގައި ދެ ލަނޑުގެ ލީޑެއް ޓީސީން ހޯދި ނަމަވެސް، ޔޫވީގެ ޔޫސުފް ޖުނައިދު ޒާހިރު ވަނީ ދެ ލަނޑު ޖަހައި އެ ޓީމަށް ޕޮއިންޓެއް ކަށަވަރުކޮށްދީފައެވެ.
މެޗުގެ ނުވަ ވަނަ މިނެޓުގައި މުހައްމަދު އަރާޝް އައްސަދު ޓީސީއަށް ލީޑު ހޯދައިދިން އިރު، މެޗުގެ 49 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ އަލީ ހާފިޒެވެ. މެޗުގެ 54 ވަނަ މިނެޓުގައި ޔޫވީގެ ޖުނައިދު ޖެހި ފުރަތަމަ ލަނޑު ފެނިގެންދިޔަ އިރު، އޭނާގެ ދެ ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ މެޗެއް މިއަދު ވެސް ކުރިއަށްދާނެ އެވެ. މިއަދު ހަވީރު ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް އެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މި އަހަރު އަށް ޓީމު ވާދަކުރެ އެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓަރީ އާއި، ކްލަބު ވެލެންސިއާ އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ބީޖީ ސްޕޯޓްސް އާއި، ޓީސީ ސްޕޯޓްސް ކްލަބު އަދި ކްލަބު އީގަލްސް އެވެ.
މުބާރާތުގެ ލީގު ބުރުގެ މެޗުތައް ހެންވޭރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއް ވަނަ އަދި ދެ ވަނަ ޓީމު ވާދަކުރާ އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ސެމީގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމެއް ތިން ވަނަ ސެމީގައި ނުކުންނަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އަދި ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެއެވެ.
ސެމީގެ ފުރަތަމަ މެޗާއި ދެ ވަނަ މެޗު އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ތިން ވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ.