28 Sep 2016, 10:42
އިލެކްޝަންސް ކޮމިޝަނުން ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާ 'ސިވިކް އެންޑް ވޯޓާ އެޑިއުކޭޝަން ސްޓްރެޓެޖީ' އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން، ގުޅުންހުރި ދާއިރާތަކުގެ މަޝްވަރާ ހޯދުމުގެ މަސައްކަތު ބައްދަލުވުން އިއްޔެ ބާއްވައިފި އެވެ.
ސޯލްޓް ކެފޭގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ދިޔަ އެ ސުޓްރެޓެޖީއަކީ 2017 އިން 2019 އަށް އިލެކްޝަންސް ކޮމިޝަނުން ހިންގާ ސިވިކް އެންޑް ވޯޓާ އެޑިއުކޭޝަން ޕްރޮގްރާމްތަށް ހިންގާނެ ގޮތުގެ ދުރު ރާސްތާ ޕްލޭނެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ އެ ޕްލޭންގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމުގެ އުސޫލްތަކާއި ގޮތްތައް އަށަގެންނެވުމާއި، ޑިމޮކްރެޓިކް ވެރިކަން އެބައެއްގެ ކިބައިން ފެށިގެން އަންނަ ރައްޔިތުންގެ މެދުގައި ޑިމޮކްރަސީގެ އަސާސްތަކާއި "މަބްދައުތަކަށް" ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ވޯޓްލުމާއި އިންތިހާބުތަކާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މައުލޫމާތާއި ހުނަރާއި ސިފަތައް އަށަގެންނެވުމަށް އިލެކްޝަންސް ކޮމިޝަނުން ހިންގާ ސިވިކް އެންޑް ވޯޓާ އެޑިއުކޭޝަން ޕްރޮގްރާމްތަށް މިހާރަށް ވުރެ އިތުރަށް ހަރުދަނާކުރުމަށާއި، ގުޅުން ހުރި އެހެނިހެން ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށާއި ކަނޑައެޅޭ ސްޓްރެޓީޖިކް އަމާޒުތަކަކަށް ބިނާކޮށްގެން ޕްރޮގްރާމްތައް ފޯރުކޮށްދިނުމަށްޓަކާ، ކުރިއަށްއޮތްތާންގައި މަސައްކަތް އިންތިޒާމްކުރެވިދާނެ ގޮތްތައް ދެނެގަތުމަކީ ވެސް އެ ޕްލޭންގެ މައިގަނޑު އަމާޒެއް ކަމަށެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ މަޝްވަރާ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ދައުލަތުގެ މިނިވަން މުއައްސަސާތަކުން ބައިވެރިވެ ހިޔާލާއި މަޝްވަރާ ދީފައިވެ އެވެ.