ވިކްޓޯރިއާ(ސެޕްޓެމްބަރު 28): ބާރަ އަހަރު ވަންދެން ސީޝޭލްސްގައި ވެރިކަން ކުރެއްވުމަށް ފަހު ރައީސް ޖޭމްސް މިޝެލް މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ތިން ވަނަ ދައުރަކަށް ހޮވި ވަޑައިގަތް ރައީސް މިޝެލް އަންނަ މަހުގެ 16ގައި އިސްތިއުފާ ދެއްވަން ނިންމެވީ، ގައުމުގެ މަޖިލިސް އިންތިހާބުގައި ގިނަ ގޮނޑިތައް އިދިކޮޅު ޕާޓީން ކާމިޔާބު ކުރި ފަހުންނެވެ.

"އަޅުގަނޑުގެ 12 އަހަރުވީ ވެރިކަމަށް ފަހު، ތަރައްގީގެ އާއުސްމިންތަކަށް ސީޝެލްސް ގެންދިޔުމަށްޓަކައި އާ ލީޑަރަކާ ވެރިކަން ހަވާލު ކުރަންވީ ވަގުތު އައިސް ޖެހިއްޖެ،" ޓީވީ މެދުވެރިކޮށް ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މިޝެލް ވިދާޅުވި އެވެ.

ސީޝެލްގެ ވެރިކަން ކުރާ ޕާޓީގެ ގޮތުގައި 39 އަހަރުވަންދެން އޮތް ޕީޕަލްސް ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުނީ މިމަހު އޮތް މަޖިލިސް އިންތިހާބުގައި އިދިކޮޅު ސީޝޭލްސް ޑިމޮކްރެޓިކް އެލައަންސުން 15 ގޮނޑި ކާމިޔާބު ކުރުމުންނެވެ. އެ އިންތިހާބުގައި ޕީޕަލްސް ޕާޓީއަށް ކާމިޔާބުވީ 10 ގޮނޑި އެވެ.

ރައީސް މިޝެލް މަގާމުން އިސްތިއުފާ ދެއްވުމުން ދެން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސް ޑެނީ ފޯރީ އެވެ. ސީޝެލްސްގެ ގާނޫނު އަސާސީއަށް ދާދި ފަހުން ގެނައި އިސްލާހާއެކު އެގައުމުގައި ރައީސްކަން ކުރެވޭނީ ދެދައުރަށެވެ. (ބީބީސީ)