ރާއްޖެއާއި ޗައިނާ އާ ދެމެދު ގާއިމް ކުރެވޭ ފްރީ ޓްރޭޑް އެއްބަސްވުމުގެ އެންމެ ފަހު މަޝްވަރާ އިއްޔެ ހޮންކޮންގްގައި ފަށައިފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހޮންކޮންގަށް ފުރައިވަޑައިގަތީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

ހޮންކޮންގަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައިގެން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ މިފަހަރު ކުރިއަށް ގެންދާ މަޝްވަރާތަކުގައި އޮންނާނީ މިހާތަނަށް ދެ ސަރުކާރުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ގޮތެއް ނިންމުން ކަމަށެވެ. އަދި އުއްމީދަކޫ އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ރަސްމީކޮށް ވަނުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްވަރާތައް ކުރިއަށްދާތާ މިހާރު ވަނީ އަހަރެއް ވެފައެވެ.

މި މަޝްވަރާއަށްފަހު މިނިސްޓަރު ސައީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 30ވަނަ ދުވަހު އެވެ. އިކޮނޮމިކް މިިނިސްޓަރު ސައީދުގެ އިތުރުން ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަނަރު ޖެނެރަލްސް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފު މުހައްމަދެވެ.