އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުން ސޭމް އެލަޑީސް އިސްތިއުފާ ދީފި އެވެ.

އިނގިރޭސި ޓީމަށް އެއް މެޗުގައި އިރުޝާދުދިން ކޯޗު އެލަޑީސް އިސްތިއުފާދީފައި ވަނީ ޑެއިލީ ޓެލެގްރާފްގެ ނޫސްވެރިންތަކެއް ކުރި ތަހުގީގެއްގެ ތެރެއިން އެލަޑީސް ދެއްކި ވާހަކަތަކެއް ދައުރުވެފައި ވަނިކޮށެވެ.

އުމުރުން 61 އަހަރުގެ ކޯޗު އެލަޑީސް މަގާމުން ވަކިވުމާ ގުޅިގެން ކުރިއަށް އޮތް ހަތަރު މެޗުގައި އިނގިރޭސި ޓީމަށް އިރުޝާދުދޭނީ 21 އަހަރުން ދަށުގެ އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގެރެތު ސައުތު ގޭޓް އެވެ. އޭގެ ތެރޭގައި ވޯލްޑް ކަޕް ކޮލިފައިންގެ ތިން މެޗާއި ސްޕެއިންއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެއް ހިމެނެ އެވެ.

ޑެއިލީ ޓެލެގްރާފުން އާންމުކުރި ވީޑިއޯގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ވާހަކަތަކެއް އެލަޑީސް ދައްކާފައިވާ އިރު، އިނގިރޭސި އެފްއޭ އަދި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗު ރޯއީ ހޮޖްސަން އަށް ވެސް އެލަޑީސް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.

"އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން އެލަޑީސް ވަކިވެފައިވާކަން އެފްއޭ އިން ކަށަވަރުކޮށްދެން. ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ހުރެ އެލަޑީސް ކޮށްފައިވަނީ ރަނގަޅު ކަމެއް ނޫން. އޭނާ ވަނީ އެކަމަށް އިއުތިރާފުވެ، ހެދުނު ގޯހަށް މައާފަށް އެދިފައި،" އިނގިރޭސި އެފްއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މި އަހަރު ފްރާންސްގައި ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު، އިނގިރޭސި ގައުމީ ޓީމާ ހަވާލުވި އެލަޑީސް މަގާމުގައި ހޭދަކޮށްފައިވަނީ 67 ދުވަހެވެ.