06 Jun 2011, 07:32
ނިޔުޔޯކް : އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް މިހާރުގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ނިންމަވާފައިވާ ކަމަށް އދ. ގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމޭޓުން ބުނެފި އެވެ.
މިފަރާތްތަކާ ޙަވާލާދީ ރޮއިޓާސް ބުނިގޮތުގައި ފަސް އަހަރުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވިކަން މި ހަފުތާތެރޭގައި ބާންކީ މޫން އިޢްލާން ކުރައްވާނެ އެވެ. މިކަމަށް ބޭނުންވާ އދ. ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ބޮޑު ފަސްބާރުގެ ތާއީދު ބާންކީ މޫން މިހާރު ހޯއްދަވާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ބާންކީ މޫންއަކީ އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ހޮވި ވަޑައިގަތުމުގެ ކުރިން ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރު ކަމުގެ މަޤާމުގައި ހުންނެވި ޑިޕްލޮމޭޓެކެވެ. އޭނާގެ ސެކްރެޓަރީ ޖެނެރަލްކަމުގެ ފުރަތަމަ ދައުރުގެ މުއްދަތު އަންނަ ޑިސެމްބަރމަހުގެ 31 ގައި ހަމަވާނެ އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރަނީ 192 ދައުލަތް ހިމެނޭ އދ. ގެ ޖެނެރަލް އެސެމްބްލީ ނުވަތަ ޢާންމު ޖަމްޢިއްޔާގެ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
ނަމަވެސް ޢާންމު ޖަމްޢިއްޔާއިން މިމަޤާމަށް ބޭފުޅަކު އިންތިޚާބު ކުރާނީ ސަލާމަތީ މަޖިލީހުގެ ރުހުން އެމީހަކަށް ލިބިފައިވާނަމަ އެވެ.
ސަލާމަތީ މަޖިލީހުން ރުހުންލިބޭނީ އެ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ދުނިޔޭގެ ފަސް ބާރުކަމަށްވާ އެމެރިކާ، ރަޝިޔާ، ޗައިނާ، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތް، މިއިން އެއްވެސް ޤައުމަކުން އެބޭފުޅަކާ ދެކޮޅަށް ވީޓޯ ނުކޮށް އެމަޖިލީހުގެ މެންބަރުންގެ އަޣްލަބިއްޔަތުން އެބޭފުޅެއްގެ ނަން ފާސްވުމުންނެވެ. -- ރޮއިޓާސް