ފަހު ވަގުތު އަންދުރޭ ޝޫލާ ކާމިޔާބުކޮށްދިން ލަނޑާއެކު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަތުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ޕޮއިންޓެއް ހޯދައިފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ 'ގްރޫޕް އެފް'ގައި ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

ރޭ ކުޅުނު އެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދާފައިވަނީ ރަށުން ބޭރުގައި ކުޅެމުންދިޔަ ރެއާލް އިންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި ވޭލްސް ތަރި ގެރެތު ބޭލް ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އެ ލަނޑަށްފަހު ޑޯޓްމަންޑުން ރެއާލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައިވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ޑޯޓްމަންޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ޑޯޓަމަންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕިއާ އެމެރިކް އޮބަމެޔަންގް އެވެ.

މެޗުގައި ރެއާލުން އަލުން ލީޑު ހޯދާފައިވަނީ 68 ވަނަ މިނެޓުގައެވެ. ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކަރިމް ބެންޒެމާ އުފެއްދި ހަމަލާ ޑޯޓްމަންޑްގެ ގޯލުގެ ދަނޑީގައި ޖެހި ނުކުތުމާއެކު ލިބުނު ބޯޅައިންނެވެ.

ޗެލްސީގެ ކުރީގެ ފޯވަޑް ޝޫލާ ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުން އުފެއްދި ހަމަލާއިންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް އާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން ---

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން 1-0 ލަނޑުން އިނގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްޕާ ވަނީ މޮޅުވެފައެވެ. ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބް އަތުން ފަސޭހަކަމާއެކު 4-0 ލަނޑުން އިޓަލީ ޗެމްޕިއަން ޔުވެންޓަސް މޮޅުވި އިރު، ބެލްޖިއަމްގެ ކްލަބް ބްރޫޖް އަތުން ޑެންމާކްގެ ކޯބަންހެވެން ވަނީ ފަސޭހަކަމާއެކު 4-0 ލަނޑުން މޮޅުވެފައެވެ.

ޕޯޗުގަލްގެ ޕޯޓޯ އަތުން އަމިއްލަ ދަނޑުގައި އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ 1-0 ލަނޑުން މޮޅުވި އިރު، ފްރާންސްގެ މޮނާކޯ އާއި ޖަރުމަންގެ ބަޔާން ލެވަކޫސަން ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. ފްރާންސްގެ ލިޔޯން އަތުން 1-0 ލަނޑުން ސްޕެއިންގެ ސެވިއްޔާ މޮޅުވި އިރު، ޕޮލެންޑްގެ ލެގިއާ ވާސޯ އަތުން ޕޯޗުގަލްގެ ސްޕޯޓިން މޮޅުވެފައިވަނީ 2-0 ލަނޑުންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ އަށް މެޗެއް މިރޭ ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ ހުރިހާ މެޗެއް ވެސް ފެށިގެންދާނީ ރާއްޖޭގަޑިން މިރޭ 11:45ގައެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް:

  • އާސެނަލް – ބާސެލް

  • އެތުލެޓިކޯ މެޑްރިޑް – ބަޔާން މިއުނިކް
  • ބެސިކްޓާސް – ޑައިނަމޯ ކިއެވް
  • ބޮރޫޝިއާ މޮންޗެންގްލަބާޗް – ބާސެލޯނާ
  • ސެލްޓިކް – މެންޗެސްޓާ ސިޓީ
  • ލުޑޮގޮރެޓްސް – ޕެރިސް ސެއިންޓް ޖާމެއިން
  • ނަޕޯލީ – ބެންފީކާ
  • ރޮސްޓޯވް - ޕީއެސްވީ