28 Sep 2016, 08:53
ކްރިކެޓް ލެޖެންޑު މަހެންދްރަ ސިންގް ދޯނީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު، "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ"ގައި ދޯނީގެ ރޯލު ކުޅުމަށް ސުޝާންތު ސިންގ ރާޖްޕުތުގެ ނަން ހުށަހެޅީ ޚުދު ދޯނީ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ޕްރޮޑިއުސަރު އަރުން ޕާންޑޭ އާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން، ދޯނީ ސުޝާންތުގެ ނަން ހުށަހެޅީ ސުޝާންތުގެ ފުރަތަމަ ފިލްމު "ކައި ޕޯ ޗޭ" ބެލުމަށް ފަހު، އޭނާގެ ކެރެކްޓަރު އެންމެ މޮޅަށް ގެނެސްދެވޭނީ ސުޝާންތު އަށް ކަމަށް ގަބޫލު ކުރެވުމުންނެވެ.
"ކައި ޕޯ ޗޭ"ގައި ވެސް ސުޝާންތު އަކީ ކްރިކެޓް ކުޅުންތެރިއެކެވެ.
އަދި ފިލްމީ ދާއިރާގައި މިހާރު ތިބި ޒުވާން ތަރިންގެ ތެރެއިން، އެންމެ ފުރިހަމަ އަށް ދޯނީގެ ކެރެކްޓަރު ގެނެސްދެވޭނީ ވެސް ސުޝާންތު އަށް ކަމަށް ދޯނީ ބުނި ކަމަށްވެ އެވެ.
"ކައި ޕޯ ޗޭ ގައި ސުޝާންތު ކްރިކެޓް ކުޅުނު ގޮތާއި، ކްރިކެޓާ ގުޅޭ ގޮތުން ވާހަކަ ދައްކާ މަންޒަރު ފެނިފައި އަހަރުމެންނަށް ގަބޫލު ކުރެވުނީ ސުޝާންތަކީ ދޯނީގެ ރޯލަށް އެންމެ ރަނގަޅު އެކްޓަރު ކަމަށް. އަދި އަހަރުމެން ބޭނުންވީ ވަރަށް ރަނގަޅަށް މަސައްކަތް ކުރާ، އޭނާގެ ހުނަރު އެންމެ ފުރިހަމަ އަށް ގެނެސްދޭން މަސައްކަތް ކުރާ އެކްޓަރެއް،" ފިލްމަށް ސުޝާންތު ޝޯޓްލިސްޓު ވެގެން ދިޔަ ގޮތް ކިޔައިދެމުން އަރުން ބުންޏެވެ.
މިހާރު ވެސް ގިނަ ބައެއްގެ ބޮޑު ލޯތްބެއް ލިބިފައިވާ "އެމްއެސް ދޯނީ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.