27 Sep 2016, 22:51
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓްލާ މީހުންގެ ދަފްތަރު އަންނަ ހަފްތާގައި އިއުލާން ކުރުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، ވޯޓުލާ މީހުންގެ ދަފްތަރު އަންނަ ހަފްތާގައި އިއުލާން ކުރުމަށް ނިންމާފައިވާއިރު އެއާއެކު ޝަކުވާތައް ހައްލުކުރަން ފަށާނެ ކަމަށެވެ.
ވޯޓްލާ މީހުންގެ ދަފްތަރުގައި އެއްވެސް މައްސަލައެއް ނުހިމެނުމަށް ވަރަށް މަސައްކަތް ކުރި ކަމަށާއި އެގޮތުން، މަރުވެފައިވާ މީހުންގެ ނަން އެ ލިސްޓުގައި ނުހިމެނޭގޮތަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރިކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ފުރިހަމަ ވޯޓް ލާ މީހުންގެ ދަފްތަރަކާއެކު ވޯޓްލުން ކުރިއަށް ގެންދިއުން،" އަކްރަމް ވިދާޅުވިއެވެ.
ވޯޓް ފޮށިތައް ބަހައްޓާނެ ތަންތަން ކަނޑައަޅައި ހުރިހާ ތައްޔާރީއެއް އެކޮމިޝަނުން ވަނީ ވެފައި ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
މިފަހަރު އިންތިހާބުގައި ބައިވެރިވާ ކެނޑިޑޭޓުންނާއި މޮނީޓަރުންގެ އިތުރުން އޮބްޒާވަރުންނަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާއިރު ރާއްޖޭގެ ތިން ސަރަހައްދެއްގައި އީވޯޓިން ނެގުމަށްވެސް ވަނީ ނިންމާފައެވެ.
މިފަހަރު ޖުމުލަ 259 ކައުންސިލަކުން 651 ކައުންސިލަރުން ހޮވުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި 179 ރަށު ކައުންސިލުން 561 ކައުންސިލަރުން އަދި 19 އަތޮޅު ކައުންސިލުން 57 ކައުންސިލަރުން ހޮވުމަށް ވަނީ ނިންމާފައެވެ. ފުވައްމުލަކާއެކު ތިން ސިޓީ ކައުންސިލަކުން 23 ކައުންސިލަރުން ހޮވުމަށްވެސް ވަނީ ނިންމާފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.