ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް އާއި ލީވާން އަލީ ނަސީރު ފުލުހުންނަށް ހުރަސް އަޅައި ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރަނިކޮށް ނުފެންނަ ކަމަށް ދިފާއުގައި ހުށަހެޅި ހެކިން ބުނެފި އެވެ.

ދައުލަތުން، ވިސާމް އާއި ލީވާންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ރޭ 7:45 އެހައިކަންހާއިރު، ފުލުހުންނާއި ސިފައިން މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މާފަންނު ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އިސްކަންދަރު ކޮށި ދޭއް ކައިރީގައި ތިބި މީހުން ދިޔުމަށް ފުލުހުން އެންގި ވަގުތު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރުކުރަން އުޅެނިކޮށް ޕޮލިސް ކޯޕްރަލް މުހައްމަދު ޝާހީންގެ ގައިގައި ވިސާމް ފަހަތުން ބައްދާލުމަށްފަހު ފަހަތަށް ދަމާފަގެންފައިވާ ކަމަށެވެ.

އަދި ފުލުހުން ހައްޔަރުކުރަން އުޅުނު މީހާގެ ގައިން ކޯޕްރަލް ޝާހީންގެ އަތް ލީވާން ނައްޓާލާފައިވާ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

އެމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިފާއުގައި ހުށަހެޅި ތިން ހެކިންވެސް ބުނެފައި ވަނީ ފުލުހުންގެ ދައުރު އަދާކުރަން ވިސާމާއި ލީވާން މަސައްކަތް ކުރި ތަނެއް ނުފެންނަ ކަމަށެވެ. ދިފާއުގައި ހެކިބަސް ދީފައިވަނީ ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ އާއި އެޓީވީގެ ދެ ނޫސްވެރިން ކަމަށްވާ ހުސައިން ފަރިޔާޒު އާއި މުރުޝީދު އަބްދުލް ހަކީމެވެ.

އެމައްސަލައިގައި މިރޭ ވަނީ ދައުލަތުގެ ފަރާތުން މައްސަލަަަ ސާބިތުކުރުމަށް ހުށަހެޅި ދެ ފުލުހެއްގެ ހެކިބަސްވެސް ނަގައިފައެވެ. ހެކިބަސް ދެމުން ދެ ފުލުހުންވެސް ބުނެފައިވަނީ ވިސާމް އާއި ލީވާން ފުލުހެއްގެ ގައިގައި އޮޅުލައިގަނެގެން އުޅުނުތަން ފެނުނު ކަމަށެވެ.

މައްސަލާގައި ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް މިއަދު ވަނީ ނަގާ ނިންމާފައެވެ. އަދި ނޮވެމްބަރު މަހު ބާއްވާ އަޑުއެހުމުގައި އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށް އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވި އެވެ.

ވިސާމްގެ މައްޗަށް ދައުލަތުން ވަނީ ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދައުވާވެސް އުފުލާފައެވެ. އެމައްސަލަ މިރެއަށް ތާވަލު ކުރުމަށްފަހު ވަނީ ކެންސަލް ކޮށްފައެވެ.