މެރިން އިންޑަސްޓްރީ އެއްތާކަށް ގެނެސް، ހުޅުމާލޭގައި މޯލްޑިވްސް މެރިން އެކްސްޕޯ މިއަދު ފަށައިފި އެވެ.

މެރިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ އެކި ފަރާތްތައް ހިމެނޭގޮތުން ޖުމްލަ 32 އެގްޒިބިޓަރުންނާ އެކު ފެށި އެ އެކްސްޕޯގައި އެކި ބްރޭންޑްތަކުގެ، މެރިން ދާއިރާއާ ގުޅުންހުރި މެޝިނަރީސް އާއި ޓޫލްސް އަދި ބޯޓުފަހަރު ބަނުމާއި ޑައިވިންއާއި މޫދު ކުޅިވަރަށް ބޭނުންވާ މަޝްހޫރު ބްރޭންޑްތަކުގެ އެކި ސާމާނުތައް ހިމެނެ އެވެ.

މެރިން އެކްސްޕޯގައި ބަހައްޓާފައި ހުރި ސްޓޯލެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކްސްޕޯއާ ގުޅޭގޮތުން އެކްސްޕޯ އިންތިޒާމުކުރާ ބްލަކް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހުޝާމް ވިދާޅުވީ، މިއަހަރުގެ މެރިން އެކްސްޕޯ، ކުރީ އަހަރުތަކާ އަޅައިބަލާއިރު ބޮޑުވެ ފުރިހަމަވެފައި މުޅިން އާ ހަރަކާތްތަކެއް އެކްސްޕޯގެ ތެރެއިން ތައާރަފްކުރާނެ ކަމަށެވެ.

ހުޝާމް ވިދާޅުވީ، މެރިން ޓޯކްސް، އާޓް ގެލެރީ އަދި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި އެގްޒިބިޓަރުންނަށް މޫދު ކުޅިވަރުގެ ހަރަކާތްތަކާ އެކު އެކްސްޕޯ ވާނީ، މައުލޫމާތުގެ ސެޝަންތަކާއި ފުރުސަތުތަކުން ފުރިހަމަވެފައިވާ އެކްސްޕޯއަކަށް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ފަހުރުވެރިވަން ރާއްޖޭގައި ބޭއްވޭ އެންމެ ލޮޖިސްޓިކް މަސައްކަތުގެ ގޮތުން ބުރަ އެގްޒިބިޝަން ވިދިވިދިގެން ކާމިޔާބުކަމާ އެކީ ބޭއްވުނީތީ،" ހުޝާމް ވިދާޅުވި އެވެ.

އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު، މެރިން އެކްސްޕޯގައި ހުރި އެމްޓީސީސީގެ ސްޓޯލް ބައްލަވައިލައްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލިވަބޯޑް އެސޯސިއޭޝަންގެ ރައީސް ހަސަން ހަލީމް ވިދާޅުވީ، އެ އެކްސްޕޯގެ ސަބަބުން މުޅިން އައު ދިވެހި ވިޔަފާރިތައް އިތުރުވެ އެ ދާއިރާގެ ވިޔަފާރިތައް އިތުރަށް ތަރައްގީވާނެ ކަމަށެވެ. އަދި ގިނަ ދިވެހި ކުންފުނިތަކެއް އެ އެކްސްޕޯގައި ބައިވެރިވެފައި ވާތީ އެ އެކްސްޕޯގެ މަގްސަދު ވަރަށް ފުރިހަމައަށް ހާސިލްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެކްސްޕޯ މިއަދު ފަށާފައިވާ އިރު ފުރަތަމަ ތިންދުވަސް (ސެޕްޓެމްބަރު 27،28 އަދި 29) ހާއްސަކޮށްފައި ވަނީ ވިޔަފާރި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 30 ވަނަ ދުވަސް ހާއްސަކޮށްފައި ވަނީ އާންމުންނަށެވެ.

މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެކްސްޕޯ ހުޅުއްވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހީމް އެވެ.