27 Sep 2016, 20:06
ދެ ހަފްތާ ތެރޭގައި ޓައިވާނަށް އެރި ތިން ވަނަ ތޫފާން، އެގައުމުގެ އިރުމަތީ އައްސޭރިފަށަށް މިއަދު އަރައިފި އެވެ.
ޓައިވާންގެ ސެންޓްރަލް ނިއުސް އެޖެންސީ (ސީއެންއޭ)އާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، "މެގީ" ގެ ނަން ދީފައިވާ އެ ތޫފާނުގައި ޖެހެމުންދާ ބާރުގަދަ ވަޔާއެކު ގަސްތަކާއި އެކިތަންތަނުން ނެއްޓިގެން އަންނަ އެއްޗެހީގެ ސަބަބުން މިހާތަނަށް 38 މީހަކަށް ވަނީ އަނިޔާވެފައެވެ.
ޓައިވާނުގެ މޫސުމާބެހޭ މައި އިދާރާއިން ބުނިގޮތުގައި، ތޫފާނުގެ ސަބަބުން ގަޑިއަކު 230 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހެމުންދާއިރު ޓައިވާންގެ އުތުރުއިރުމަތީގައި އޮންނަ ޔިލާން އަށް މިހާތަނަށް 1000 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
ޓައިވާނަށް އެރި ތޫފާންގެ ސަބަބުން އެއް މިލިއަނަށްވުރެ ގިނަ ގެތަކުން ކަރަންޓް ކެނޑިފައިވާއިރު ދަތުރުފަތުރަށް ވަނީ ބުރޫއަރާފައެވެ. އެގޮތުން ބައެއް ރޭލު ދަތުރުތައް މަދުން ނަމަވެސް ކުރަމުންދާއިރު ޓައިވާން ހައި ސްޕީޑް ރެއިލް ކޯޕްގެ ދަތުރުތަކާއި ހުރިހާ ޑޮމެސްޓިކް ފްލައިޓް ދަތުރުތަކެއް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ސީއެންއެންގެ މީޓިއޮރޮލޮޖިސްޓް މިޝޭލް ގާއީ ބުނިގޮތުގައި، ޓައިވާނަށް މިއަދު އެރި ތޫފާންގެ އަސަރު ކުރިއަށް އޮތް 12 ގަޑިއިރު ޓައިވާނަށް ކުރާނެ އެވެ. އަދި ތޫފާންގެ ސަބަބުން ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ބިރު އެބަ އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.
ޓައިވާނަށް މިމަހުގެ ތެރޭގައި ތިން ތޫފާނެއް އަރާފައިވާއިރު، ޓައިވާނުގެ ހުޅަނގަށް މިމަހުގެ 14 ވަނަ ދުވަހު އެރި "މެރަންޓީ" ނަމަކަށް ކިޔާ ތޫފާނަކީ 2013 ވަނަ އަހަރަށްފަހު އެ ސަރަހައްދަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ.
އެ ތޫފާނުގެ ސަބަބުން ދެ މީހަކު މަރުވެ 63 މީހަކު ޒަހަމްވިއިރު، އެތައް ހާސް ޓައިވާނުގެ ރައްޔިތުންގެ ގެދޮރު ގެއްލި ކަރަންޓަށް ޖެހުނެވެ.
ތޫފާން މެރަންޓީ އެރިތާ ދެ ދުވަސް ފަހުން ޓައިވާނުގެ އުތުރަށް "މަލަކަސް" ނަމަކަށް ކިޔާ ތޫފާނެއް އެރިއެވެ.