05 Jun 2011, 22:46
ކ. ތުނބަފަޅުގައި ގާނޫނާ ހިލާފަށް މަސައްކަތްކޮށް އެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއްދީފައިވާ ކަމަށް ބުނެ ޗަމްޕާ މުހައްމަދު މޫސާ )އުއްޗު( ޖޫރިމަނާ ކުރުމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ން ނިންމުމާ ގުޅިގެން، އެ މުއްސަސާގެ "އިތުބާރުގެއްލޭ" ފަދަ ގޮތަކަށް އުއްޗުގެ ގާނޫނީ ޓީމުގެ ފަރާތުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެ، އީޕީއޭން އެ ފަރާތްތަކަށް ރައްދު ދީފި އެވެ.
އީޕީއޭން މިރޭ ނެރުނު ބަޔާނުގައި ބުނަނީ، ތުނބަފަޅު ސަރަހައްދަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 100،000،000ރ. އިން މުހައްމަދު މޫސާ ޖޫރިމަނާ ކުރުމަށް ނިންމުމުން، އޭނާގެ ގާނޫނީ ޓީމުގެ ފަރާތުން، ވަކީލާ އައިޝަތު އާޒިމާ ޝަކޫރު މީޑިއާގައި ހިއްސާކޮށްފައިވާ ބަޔާނާއި، ނޫސްކޮންފަރެންސްގައި ހަގީގަތާ ހިލާފް ވާހަކަތައް ދައްކާފައިވާ ކަމަށް އީޕީއޭން "ވަކިފަރާތަކަށް ނުޖެހި ފަންނީ ގޮތުން ކޮށްފައިވާ މުހިންމު މަސައްކަތެއްގެ އިތުބާރުގެއްލޭ" ގޮތަކަށް ވާހަކަ ދައްކާފައިވާ ކަމަށެވެ.
މުހައްމަދު މޫސާ ޖޫރިމަނާކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އޭނާގެ ޓީމުން ދެއްކި ވާހަކަތަކަށް ރައްދު ދެމުން އީޕީއޭން ބުނެފައި ވަނީ، ތުނބަފަޅުގައި މުހައްމަދު މޫސާ މަސައްކަތްކޮށްފައި ވަނީ ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހުށަނާޅާ ކަމަށެވެ.
އަދި އެންމެ މުހިންމު ކަމެއް ގޮތުގައި އީޕީއޭން ފާހަގަކުރަނީ، ތުނބަފުށި މުހައްމަދު މޫސާ 1995 ވަނަ އަހަރު ކުއްޔަށް ދިނީ "ތިމާވެއްޓަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނޭ ގޮތުގެ މަތިން ރުއްގަސް އިންދާ، ތޮށިގަނޑެއް ލައިގެން ރަށް އިތުރަށް ވޮޑޭތޯ ބެލުމުގެ ދިރާސާތަކެއް" ކުރުމަށް ކަމަށާއި އެހެނެންނަމަވެސް ހުއްދަ ނެގުމެއް ނެތި އެ ނޫން އިތުރު މަސައްކަތްތަކެއް އެ ރަށުގައި އުއްޗު ކޮށްފައިވާ ކަމަށެވެ.
އަދި ޖޫރިމަނާކުރުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު ނުދޭ ކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށާއި މާޗު މަހުގެ 7 ވަނަ ދުވަހު މުހައްމަދު މޫސާގެ ފަރާތުން ވަޑައިގެންނެވި ޕަވާ އޮފް އެޓާނީ އާރިފް އަހްމަދު ނަސީރުުއާ ބައްދަލުކޮށް، ތުބަފުށީގައި ގަވައިދާ ހިލާފަށް ކޮށްފައިވާ މަސައްކަތްތަކަށް ޖޫރިމަނާކުރާނެ ކަން ވާނީ އަންގައިފާ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ. އަދި އޭގެ ފަހުން މިދިޔަ މަހު ޗަމްޕާ މުހައްމަދު މޫސާ މިނިސްޓްރީ އަށް ހާޒިރުކޮށް، އެ ރަށުގައި އީޕީއޭގެ ޓީމުން ކޮށްފައިވާ ދިރާސާގެ ހޯދުންތައް ހިއްސާކޮށްފައިވާނެ ކަމަށާއި އަދި ގަވައިދުގައިވާ ގޮތުގެ މަތިން ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް ރިޕޯޓެއް ހުށަހެޅުމުގެ ފުރުސަތު ދީފައިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ؛ "އަދި މި ރިޕޯޓް އޭޖެންސީ އަށް ލިބިފައެއްނުވެ އެވެ. މިހުރިހާ މަރުހަލާތަކެއް ކަޑައްތުކުރުމަށް ފަހު އަލްފާޟިލް މުހައްމަދު މޫސާ ޖޫރިމަނާކޮށްފައި ވަނީ ދައުލަތުގެ ބަންޑާރަ ނައިބުގެ ގާނޫނީ ލަފާފުޅުގެ މަތީންނެވެ،"
ތުނބަފަޅަށް ލިބިފައިވާ ގެއްލުން ދިރާސާކުރެވޭ ވަރުގެ ގާބިލިއްޔަތެއް ނުހުންނާނެ ކަމަށް އުއްޗުގެ ޓީމުން ބުނެފައިވާތީ، އީޕީއޭން ބުނެފައި ވަނީ "އެ ވިދާޅުވުމަކީ ތިމާވެށީގެ ރޮނގުންނާއި ސާވޭކުރުމުގެ ރޮނގުން ތައުލީމާއި ތަމްރީނުގެ އިތުރުން ތަޖުރިބާ ލިބިފައި ތިބި ބޭފުޅުންނަށް މަލާމާތް ރައްދުވާ ފަދަ ދަށުދަރަޖައިގެ ވާހަތަކެއް" ކަމަށެވެ. އަދި ދިރާސާކުރި ޓީމުގައި މެރިން ބައޮލޮޖީ އާއި އެންވާރަމަންޓް ސައިންސްގެ ދާއިރާ އިން ތައުލީމް ހާސިލްކުރައްވާފަ ތިއްބެވި ބޭފުޅުން ހިމެނޭ ކަމުގައި ވެސް އެ އިދާރާއިން ބުނެ އެވެ.
ތުނބަފުގެ ތިމާވެއްޓަށް ގެއްލުންދީފައިވާ ކަމަށް ބުނެ އުއްޗު ޖޫރިމަނާ ކުރުމަށް ނިންމި މައްސަލަ ހޫނެވަފައިވާއިރު، އޭނާގެ ޓީމުން ދަނީ އެއީ ގަވައިދާ ހިލާފަށް ކޮށްފައިވާ ޖޫރިމަނާއެއް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ވެއްދުމަށް ތައްޔާރުވަމުންނެވެ.
އުއްޗު ޖޫރިމަނާކުރި ދުވަހުގެ ޖެހިގެން އައި ދުވަހު އީޕީއޭގެ އިސްވެރިޔާ، ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒުހެއިރު ވަނީ އީޕީއޭން އިސްތިއުފާދެއްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ، އީޕީއޭގެ އެ ނިންމުމުގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށެވެ. އެ މައްސަލާގައި އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް، ވަނީ ސުވާލު ވެސް ކޮށްފަ އެވެ