ކޮންމެ ދިވެއްސަކަށް ކީރިތި ގުރުއާނުގެ ކޮޕީއެއް ނުވަތަ މުސްހަފެއް ދިނުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ފުރަތަމަ 50،000 ފޮތް ޗާޕު ކޮށް ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

"މުސްހަފް މާލްދީފް" ނުވަތަ "ކޮންމެ ދިވެހި ރައްޔިތަކަށް މުޞްހަފެއް"ގެ ނަމުގައި ދިވެހި ކޮންމެ ރައްޔިތަކަށް މުސްހަފެއް ދިނުމަށް ސަރުކާރުން މަޝްރޫއެއް ފެށީ ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމްގެ ބެއްލެވުމުގެ ދަށުން، މީގެ ދެ އަހަރު ކުރިންނެވެ.

ދިވެހީންނަށް ހާއްސަ މުސްހަފެއް ޗާޕްކުރުމަށް ފެށި އެ މަޝްރޫއު ކުރިއަށްގެންދިޔައީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި ރާއްޖޭގެ ޖަމިއްޔާތަކާއި ބަހުރެއިންގެ ޤުރުއާން ކެއާ ސޮސައިޓީއާ ގުޅިގެންނެވެ.

އެ މަޝްރޫއުގެ ދަށުން ފުރަތަމަ ގެންނަން ހަމަޖެހިފައިވާ މުސްހަފްތައް ޗާޕްކޮށް ނިމިފައިވާއިރު، ފުރަތަމަ ޗާޕްކުރި މުސްހަފެއް ރައީސް އަބްދުﷲ ޔާމީނަށް މިއަދު ވަނީ އަރުވާފައެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މުސްހަފް ރައީސަށް އެރުވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

ރައީސް ޔާމީނަށް މިއަދު އެރުވި މުސްހަފް މާލްދީފްގެ ކޮޕީއެއް: ފުރަތަމަ ބުރުގައި 50،000 މުސްހަފް މިހާރު ވަނީ ޗާޕްކޮށްފި --- ފޮޓޯ/ ރައީސް އޮފީސް

ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތައް މުސްހަފުގެ ބޭރުގަނޑާއި އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތަކުގައި އެކުލެވިފައިވާއިރު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުރަތަމަ ޗާޕްކުރި ފޮތްތައް ރާއްޖެ ގެންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ފުރަތަމަ ޗާޕުކުރި ފޮތްތައް ރާއްޖެ ގެނައުމާއެކު އެ ބަހާނެ ގޮތް އެކުލަވާލާނެ ކަމަށެވެ.

ދިވެހި ބައެއް ކުންފުނިތަކާއި އާންމުން ހަދިޔާ ކުރި ގިނަ އަދަދެއްގެ ފައިސާއިން ކުރިއަށްގެންދިޔަ "މުސްހަފް މާލްދީފް" ފުރަތަމަ ނެރުމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.

ނަމަވެސް މުސްހަފްގެ މަސައްކަތް ދިގުލައިގެން ދިޔަ ސަބަބެއް އިސްލާމިކް މިނިސްޓްރީން އަދި ހާމަކޮށްފައެއްނުވެ އެވެ.

އަދި މަޝްރޫއުގެ ދަށުން ފުރަތަމަ އެއްލައްކަ މުސްހަފު ޗާޕްކުރާނެ ކަމަށާއި މުސްހަފެއް ޗާޕުކުރުމުގެ މަސައްކަތް ބަހުރައިނުގައި ކުރިއަށްދާއިރު މުސްހަފެއް ޗާޕްކުރުމަށް ހަރަދުވާ އަގަކީ ރާއްޖޭގެ 50 ރުފިޔާކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ބުންޏެވެ.