27 Sep 2016, 16:18
ށ. ނަރުދޫ ގެއެއްގެ ފާރެއް ތަޅަން އުޅުމުގެ ތެރޭގައި ދިމާވި ހާދިސާގައި ފާރު ދަށުވެ ބޮޑެތި އަނިޔާތަކެއް ލިބިގެން ހދ. ކުޅުދުއްފުއްޓަށް ގެންދިޔަ މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލަން ނިންމައިފި އެވެ.
ނަރުދޫގައި މިއަދު ހެނދުނު ގާތްގަނޑަކަށް 9:00 ހާއިރު ހިނގި އެ ހާދިސާގައި ފާރު، ދަށުވެ އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ އެރަށު އަހުމަދު ޝާތިރު ނަމަކަށް ކިޔާ މީހެކެވެ.
އޭނާ ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ނަމަވެސް ބޮލުގެ ނިއްކުރިން ފަޅައިގެން ގޮސް، ފައިގެ އުކުޅު ކަށިގަނޑުން ރެދެއް ލާފައި ހުރުމުން އިތުރު ފަރުވާއަށް މާލެ ފޮނުވާލަން ނިންމާފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ނަރުދޫގައި މިއަދު ހިނގި ހާދިސާގައި ފާރު ތިން މީހެއްގެ ގައި މައްޗަށް ވެއްޓުނުއިރު އޭގެން އެކަކު ވަނީ މަރުވެފަ އެވެ. މަރުވެފައިވަނީ އެރަށު އިރުމަތީގޭ އަހުމަދު މުފީދު،58 އެވެ.