27 Sep 2016, 15:50
އިރާގުގެ ވެރިރަށް، ބަޣްދާދަށް ހަނގުރާމަވެރި ޖަމާއަތަކުން މިއަދު ދިން ފިދާއީ ހަމަލާއެއްގައި ނުވަ މީހަކު މަރުވެ، އިތުރު 30 މީހަކަށް އެކި ވަރުގެ ޒަހަމް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފި އެވެ.
ބަޣްދާދުގެ ބާރުބޮޑު ސަރަހައްދެއް ކަމަސްވާ އަލް ޖަދީދާ ހިސާބަށް ދިން މިހަމަލާގައި މަރުވި މީހުންގެ އަދަދު އަދި މައްޗަށް އެރުން އެކަށީގެންވާ ކަމަށް އެގައުމުގެ ފުލުހުން ބުނެ އެވެ.
ތުހުމަތު ކުރެވޭ ގޮތުގައި މިހަމަލާ ދީފައި ވަނީ އައިއެސްއައިއެސް އިން ކަމަށްވެއެވެ. ސަބަބަކީ އިރާގު ސަރުކާރުގެ ބާރުގެ ދަށުގައި ތިބި ބައެއް ސަރަހައްދުތައް އަނބުރާ ހޯދުމުގެ ނިޔަތުގައި އެ ޖަމާއަތުން އަންނަނީ އެފަދަ ހަމަލާތައް ދެމުންނެވެ.
އެ ޖަމާއަތުން ބަޣްދާދުގެ ވިޔަފާރި ކުރާ ހިސާބެއް ކަމަށްވާ ކައްރާދާ އަށް މިދިޔަ ޖުލައި މަހު ދިން ހަމަލާއެއްގައި 324 މީހަކު މަރުވެފައިވެ އެވެ. އެއީ 2003 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެގައުމުގައި އެއްފަހަރާ އެންމެ ގިނަ މީހުން މަރުވި ހާދިސާ އެވެ.
އައިއެސް އިން ދަނީ އިރާގުގެ ގިނަ ސަރަހައްދުތައް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންނަމުންނެވެ. އެމެރިކާ ސިފައިންނާ ގުޅިގެން އިރާގުން ދަނީ ހަނގުރާމަވެރިންގެ ބާރު އެގައުމުން ކަނޑުވާލުމަށް އެ ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.