ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން ކޮލޮމްބޯ ލީޑާޝިޕް އެކެޑަމީ (ސީއެލްއޭ) އާ އެކު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޒުވާން ލީޑަރުން އުފެއްދުމަށް ހިންގާ ތަމްރީން ޕްރޮގްރާމުތަކަށް އޮންނަ ފުރުސަތު އިތުރުކޮށްދިނުމުގެ މަގުސަދުގައި ރަފީ ޖަމިއްޔާއާއި ސީއެލްއޭއާ ދެމެދު ހެދުނު ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގަ އެވެ.

ދެއަހަރު ދުވަހުގެ އެ އެއްބަސްވުމުގައި ރަފީ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ އިންޓަނޭޝަނަލް މާކެޓިން ކޮންސަލްޓަންޓް ފާތިމަތު ރިފާއު އެވެ. އަދި ސީއެލްއޭގެ ފަރާތުން ސޮއި ކުރެއްވީ އެ އެކެޑެމީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ރިއާޒް ހަސަން އެވެ.

ރަފީ ޖަމިއްޔާ އިން ބުނީ އެ ޕާޓްނާޝިޕް އެއްބަސްވުމުގެ ސަބަބުން ސީދާ ޒުވާނުންނަށް އަމާޒު ކޮށްގެން ދިވެހި ޒުވާނުންނާ ގުޅޭ ގޮތަށް ފަރުމާ ކޮށްފައިވާ ޓްރެއިނިންގް ޕްރޮގްރާމްތަކުން ގައުމީ އަދި ސަރަހައްދީ ފެންވަރުގެ ފުރުސަތުތަކަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ކްލާސްރޫމް ޓީޗިން އަށް ވުރެ ކިޔަވައިދޭނެ ރަނގަޅު ގޮތްތަކެއް ބޭނުން ކޮށްގެން ގާބިލު ލީޑަރުން އުފެއްދުމަށް އިސްކަންދޭ ސީއެލްއޭ އަކީ ވަކިވަކި ފަރުދުންނަށާއި ޖަމިއްޔާތަކުގެ ލީޑަރުންގެ ހުނަރު އިތުރުކޮށްގެން އަދި ގިނަ ދުވަހަށް ދެމިހުންނަ ފަދަ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރާ އެކެޑެމީ އެކެވެ.