މައްޗަންގޯޅީގައި ހުރި އިމާރާތެއްގެ ޓެރަސްގައި ބާބެކިއު ހަނދަން އުޅެނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ އަންހެނަކާއި ބިދޭސީ ފިރިހެނަކު ވަރަށް ވަރަށް ބޮޑަށް މިރޭ ފިހިއްޖެ އެވެ.

މިރޭ 9:30 އެހާކަންހާއިރު ކެނެރީ މަގުގައި ހުންނަ 10 ބުރީގެ މ. ނޭރޭނާ ގޭގެ ޓެރެސްގައި ހިނގި އެ ހާދިސާގައި ފިހިފައިވަނީ އުމުރުން 50 އަދި 58 އަހަރުގެ ދެ އަންހެނުންނާއި އުމުރުން 38 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އެމީހުންނަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.

އެމީހުންގެ ހާލު ސީރިއަސް ކަމަށްވެ އެވެ. ހޮސްޕިޓަލުން ބުނީ، އެމީހުންނަށް އޮޕަރޭޝަން ތިއޭޓަރުގައި އަންނަނީ ފަރުވާދެމުން ކަމަށާއި އިތުރު މައުލޫމާތު އަދި ދެވެން ނެތް ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސާ އަބްދުﷲ އަލީ ވިދާޅުވި ގޮތުގައި، އެމީހުންގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފަ އެވެ. އެގޮތުން އަނިޔާވި ބައެއް މީހުންގެ ހަށިގަނޑުގެ 90 ޕަސަންޓް ފިހިފައިވާ ކަމުގެ ރިޕޯޓް ލިިބިފައިވާ ކަމުގައި އަބްދުﷲ ވިދާޅުވި އެވެ.

"މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ބާބެކިއު ހަދަންވެގެން ގްރިލް މެޝިނަށް ޑީސަލް އަޅައިފަ ރޯކުރަނިކޮށް ހުގަނޑު ފަޅައިގެން ދިޔައީ. މީހުންނަށް ބޮޑަށް އަނިޔާވީ. އެތަނަކަށް ގެއްލުމެއް ނުވޭ." އަބްދުﷲ ވިދާޅުވި އެވެ.

-------------------------------

22:53 އައިޖީއެމްއެޗް އިން ބުނީ، ޕޭޝަންޓުންގެ ހާލު ލަފާކުރެވޭ ގޮތުގައި ސީރިއަސް ކަމަށެވެ. އަދި ޑޮކްޓަރުން ގެންދަނީ ފަރުވާ ދެމުން ކަމަށާއި އާއިލާގެ ފަރާތުން ހުއްދަ ހޯދުމަށްފަހު އިތުރު މައުލޫމާތު ދޭނެ ކަމުގައި ހޮސްޕިޓަލުން ބުނެ އެވެ.

22:33 އެ ހާދިސާގައި އުމުރުން 58 އަހަރުގެ އަންހެނަކު ވެސް ޒަހަމްވި ކަމަށްވެ އެވެ. އެހެންކަމުން އަނިޔާވި މީހުންގެ އަދަދު ވަނީ ތިނަކަށް އަރައިފަ އެވެ. ނަމަވެސް، ލިބުނު އަނިޔާގެ ތަފްސީލު ހޮސްޕިޓަލުން ސާފުވާ ގޮތެއް ނުވެ އެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލްގެ ފޯނު އޮތީ ނިއްވާލައިފަ އެވެ.

22:28 އަލިފާނުގެ ހާދިސާ ހިނގި ގޭގެ ކައިރިއަށް ދިޔަ ސަންގެ ނޫސްވެރިޔާ ބުނީ، އެ ސަރަހައްދުގައި އެއްވެސް ކަމެއް ފެންނަން ނެތް ކަމަށެވެ. އަދި އެގެއަށް މާބޮޑު ގެއްލުމެއް ލިބިފައި ނެތް ކަމަށެވެ.

22:10 އަނިޔާވީ 38 އަހަރުގެ ބިދޭސީ ފިރިހެނަކާއި 50 އަހަރުގެ އަންހެނަކަށް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ. ދެމީހުންނަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.

22:00 މައްޗަންގޯޅި ގެއެއްގެ ޓެރަސްގައި ބާބެކިއު ހަނދަން އުޅެނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެމީހެއް ގައިގަ ރޯވެ، ވަރަށް ބޮޑަށް ފިހިގެން އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސާ އަބްދުﷲ އަލީ ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގީ މީގެ ކުޑައިރުކޮޅެއް ކުރިން ކެނެރީ މަގުގައި ހުންނަ މއ. ނޭރޭނާ ގޭގައި އެވެ. އެ ހާދިސާގައި ދެ މީހުން ގައިގައި ރޯވެ، ހަށިގަނޑުގެ 90 ޕަސަންޓް ފިހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

ނަމަވެސް އަނިޔާވި މީހުންނާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ އެގޭގެ ޓެރެސް މަތީ ބާބެކިއު ހަދަން އުޅެނިކޮށް، ބާބެކިއު ގްރިލް މެޝިނަށް ޑީސަލް އަޅުމުން ހުޅުގަނޑު އަރައިގެން ގޮސް ކަމަށް އަބްދުﷲ ވިދާޅުވި އެވެ.